ސަރުކާރުން ހުށަހަޅާ ބިލުތަކަށް ނަޝީދުގެ ފާޑުކިޔުން

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަދައްކަވަނީ: ފޮތޯ / މަޖިލިސް

ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަިލހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ "އަންޒަމާނު ކަރައަށް ވައި އެރި އިރު"ގެ ބިލުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ ހަމައެކަނި ބިލުގެ "ސުރުހީ" ކަމަށެވެ. އަދި ވިދާޅުވީ ބިލު ބިލަކަށް ހަދަނީ މަޖިލީހުގެ މަސައްކަތުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ އެއް ގޮތަކަށްވެސް އެމްޑީޕީގެ މެނިފެސްޓޯގެ އަމާޒުތައް ހާސިލް ކުރުމަށް ހުށަހަޅާ ބިލުތަކެއް ނޫން ކަމަށެވެ. އެގޮތުން މިދިޔަ ދައުރުގައި މަޖިލީހަށް ލިބުނު ބިލުތަކަކީވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބިލުގެ ގޮތުގައި މި މަޖިލީހަށް ގިނަ ފަހަރަށް ހުށަހެޅެނީ ސުރުހީއެއް. ދެން މި މަޖިލީހުން ބިލަށް ބަދަލުތައް ގެނެސް ބިލު ބިލަކަށް ހަދާ ރައްޔިތުންގެ ވިންދު ރައްޔިތުންގެ ރުހުން ދެނެގަނެ އެކިއެކި ފަރާތްތަކާއި މަޝްވަރާ ކޮށްގެން ބިލެއް ފުރިހަމަ ކުރަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތަކަކީ އެތައް ޒަމާންތަކެއް ވަންދެން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެ މަސައްކަތްތަކަކީވެސް ބޭރުގެ ޕްރެޝަރު ބޮޑުވެ "ބަހަނާ" ދެއްކުމުގެ ގޮތުން އެކުލަވާލާފައިވާ ބިލުތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދެން އެކަމާއި ގުޅިގެން މިހާރުގެ ޒުވާން ކުދިން ކަންބޮޑުވުންވެސް ފާޅު ކުރާނެ، ނުރުންވެސް ވާނެ، އެކަން އަޅުގަނޑު ހަމަ ބަލައިގަންނަން. އެކަމަކުވެސް އެފަދަ ކުދިންނަށްވެސް ފަރާތްތަކަށްވެސް އަޅުގަނޑު ސާފު ކޮށްލަ ދޭން ބޭނުންވަނީ މި ދެންނެވި ބިލުތަކަކީ އަންޒަމާނު ކަރައަށް ވައި އެރި އިރުގެ ބިލުތަކެއް ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު މަޖިލީހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 56 ބިލެއް ފޮނުވަން ގަސްދުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މިދިޔަ ދައުރުގައި މަޖިލީހަށް 56 ބިލެއް ފޮނުވި ވާހަކައެވެ. ނަމަވެސް މިދިޔަ ދައުރުގައި މަޖިލީހަށް ސަރުކާރުން ހުށަހެޅީ 49 ބިލެކެވެ. އޭގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ 27 ބިލެއް ފާސްކޮށްފައެވެ. ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގައި ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅިން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ 24 ބިލު ހިމެނޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.