ޓީޗަރަކު ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލައެއް

ދ. މާއެނބޫދޫ ބަނދަރު ސަރަހައްދު: ފޮޓޯ / ޕީއެސްއެމް ނިއުސް

ދ. މާއެނބޫދޫ ސްކޫލް ޓީޗަރަކު ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެރަށުގެ ސްކޫލުގެ ޓީޗަރަކު ގްރޭޑު 7 ގެ ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑީއޯ ޑޮކިއުމެންޓްރީއެއް ދެއްކި މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި މައްސަލައިގެ އިތުރުން އުތުރުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްވެސް ރޭ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންނަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯތައް ދެއްކުމާއި ޓީޗަރުންގެ ފަރާތުންވެސް ދަރިވަރުންނަށް ޖިންސީ އަނިޔާ ލިބެމުންދާ ކަމުގެ ވާހަކަތަކަކީ މި ފަހަކަށް އައިސް ގިނަވެފައިވާ މައްސަލަތަކެކެވެ. ރޭ ޝަރުއީ ދާއިރާގެ ގަޟާއީ އަހަރު އިފްތިތާހު ކޮށްދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިތުރުވެ އެފަދަ މައްސަލަތައް ހުށަހެޅޭ އަދަދު އިތުރުވެގެން ދަނީ އެފަދަ މައްސަލަތައް ހުށަހެޅުމަށް ފަހު މާހައުލެއް އޮތުމުން ކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވަނީ އެފަދަ މައްސަލަތައް ލަސްނުކޮށް ޝަރުއީ ނިޒާމުގެ ތެރެއިން ނިންމައި ދިނުމަށްވެސް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *