ގިނަ ދުވަސްތަކަކަށްފަހު ޖާބިރު މަޖިލީހަށް، ރާގުހުރީ ލާމަރުކަޒު ކުރުމާ ދެކޮޅަށް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: ކަތީބުންނާއި އަތޮޅުވެރިން ތިބިއިރު މާ ރަނގަޅު ކަމަށް ވިދާޅުވި-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތަކަށް ފެށިތާ ތިން ހަފްތާ ފަހުން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ވަޑައިގެން، ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވައިފިއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އާންމުކޮށް މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާ ޖާބިރު ވޭތުވެދިޔަ ތިން ހަފްތާ ވެސް މަޖިލީހަށް ވަޑައިނުގަންނަވައެވެ. ނިމިދިޔަ ދައުރުގައި ހާޒިރީގެ އެންމެ ފުލުން ތިން ވަނާގައި އޮތީ ވެސް ޖާބިރުގެ ނަމެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ތިން މެމްބަރަކު އައްޔަން ކުރުމަށް ލާމަރުކަޒީ ކޮމެޓީން ފޮނުވި ރިޕޯޓަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ކައުންސިލްތައް އެއް އަހަރަށް ސަސްޕެންޑްކޮށްފައި ކައުންސިލްތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމް ހިންގަންޖެހޭ ކަމަށެވެ.

"ސީދާ ކައުންސިލާ ގުޅިގެން ވިޔަފާރިކުރަން ބަލާއިރުގައި ކައުންސިލްގައި ނުހުރޭ އެ ގާބިލިއްޔަތުކަމެއް. ވިޔަފާރީގެ ވާހަކަ ދެއްކޭ ގޮތަކަށް ނޯވޭ. ހުނަރުވެރިކަމެއް ނުހުރޭ. ވައްޓަފާޅިއެއް ނުހުރޭ. އަދި ތަމްރީނެއް ދެވިފަކާއެއް ވެސް ނެތް،" ޑީއާރްޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބާރު ދިނުމުން، ވިޔަފާރިތަކަށް ތުރާވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަތީބުންނާއި އަތޮޅުވެރިކަން އޮތްއިރު މާ ރަނގަޅު ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެ ދުވަސްވަރު މައި ސަރުކާރަށް ކައުންސިލްތައް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ބާރު ކެނޑި، "ފެޑެރޭޝަނަކަށް" ކައުންސިލްތައް ބަދަލުވެފައިވާ ކަމަށެވެ.

"... ދިވެހިރާއްޖޭގެ ކައުންސިލްތައް ހަދާފައި ދޫކޮށްލިއިރު، އޭނާގެ ތިމާގެމީހާ އާއި އޭނާގެ ތިމާގެމީހާ އާއި މީނާ އާއި މީނާގެ ކައުންސިލާއި ކައުންސިލްގެ ރައީސާއި އޭނާގެ އަންހެނުންނާއި ދެމަފިރިންނަށް އެކަނި އާބާދީ އޮންނަ ރަށުގައި ވެސް ބޮޑު ސިންގާ ގަވަރުމަންޓެއް ގާއިމުވެގެން މި ދިޔައީ. އިއްޒަތްތެރި ރައީސް، ކީއްވެގެންތޯ މި މަޖިލީހުން ފިކުރު ނުކުރާންވީ. ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ، ދިވެހިރާއްޖޭގައި އޮންނަންޖެހޭނީ ޔުނިޓްރީ ދައުލަތެއް ކަމަށް. މިހާރު މި އޮތީ ފެޑެރޭޝަނަކަށް ބަދަލުވެފައި. މި ފެޑެރޭޝަންގެ ތެރޭގައި ދެން ކިހިނެއްތޯ ވިޔަފާރި ކުރާނީ،" ޖާބިރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.