ދޮގު ހަބަރު ފަތުރާތީ ކަމަށް ބުނެ، ތަންޒޭނިއާގެ ނޫހެއް ނެރުން މަނާކޮށްފި

ތަންޒޭނިއާގެ ޑިރެކްޓަރ އޮފް އިންފޮމޭޝަން ސާވިސްގެ ޗީފް ސްޕޯސްކްސް ޕާސަން "ރައިއާ މިއުވާ" ނޫސް ހިފަހައްޓައިގެން ---

ދޮގު ހަބަރު ފަތުރާތީ ކަމަށް ބުނެ، ތަންޒޭނިއާގެ ނޫހެއް 30 ދުވަސް ވަންދެން ނެރުނު މަނާ ކޮށްފިއެވެ.

ރޮއިޓާސް އިން ބުނީ މިއީ މަސް ދުވަހުގެ ތެރޭގައި ތަންޒޭނިއާގައި މިގޮތަށް ސަސްޕެންޑުކުރި ދެ ވަނަ ނޫސް ކަމަށެވެ. “ރައިއާ މިއުވާ” ނަމަކަށް ކިޔާ އެ ނޫސް ނެރުން މަނާކުރީ ތަކުރާރުކޮށް ދޮގު ހަބަރު ފަތުރަމުން އަންނާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ މީހުން ޝާއިއު ކުރާ ހަބަރުތަކުގެ ސަބަބުން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ހިތްވަރު ލިބިގެންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގެ ޑިރެކްޓަރ އޮފް އިންފޮމޭޝަން ސާވިސް އިން ނެރެފައިވާ ސްޓޭޓުމަންޓެއްގައި ބުނީ އެ ނޫހުން ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ޕްރޮފެޝަނަލިޒަމްއާ ހިލާފުވެފައިވާ ކަމަށެވެ.

އެ ނޫސް ނެރުނު މަނާކުރީ އިންފޮމޭޝަން މިނިސްޓަރަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންފޮމޭޝަން ސާވިސް އޮފީހުން އެގޮތަށް ނިންމީ އެ ނޫހުން ދާދިފަހުން ޝާއިއުކުރި ތިން ހަބަރަކާއި ގުޅިގެން ކަމަށް ރޮއިޓާސް އިން މައުލޫމާތުދެއެވެ. އޭގެ ތެރެއިން އެއް ހަބަރަކީ އެ ގައުމުގެ ޑިޕްލޮމެޓިކް ކުއާޓަރު ނުވަތަ އާއްމުން ވަނުން މަނާ ސަރަހައްދެއްގައި ހިނގި ބަޑި ޖެހުމުގެ ހަމަލާއާ ގުޅޭ ހަބަރެކެވެ.

ހާދިސާގައި ހަތަރު މީހަކު މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މިދިޔަ މަހުގެ ތެރޭގައި ހިނގި ހާދިސާއެކެވެ.

ތަންޒޭނިއާ އިން އެކަމާ ގުޅިގެން ބުނެފައި ވަނީ އެ މީހާއަކީ ޓެރަރިސްޓެއް ކަމަށެވެ. އަދި އެ މީހާއަކީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށާއި އެކަން އޭނާގެ ސޯޝަލް މީޑިއާގެ ޕޯސްޓުތަކުން ފާހަގަވާ ކަމަށް އެ ގައުމުން ބުންޏެވެ.

ނަމަވެސް ތަންޒޭނިއާ އިން ނެރުން މަނާކުރި "ރައިއާ މިއުވާ" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ހަމަލާ ދިން މީހާއަކީ ތަންޒޭނިއާގެ ވެރިކަން ކުރާ ޕާޓީއާ ގުޅުން އޮންނަ މީހެކެވެ.

މިދިޔަ މަހު އެގައުމުން ވަނީ "އުހުރު" ނަމަކަށް ކިޔާ ނޫހެއް ވެސް ނެރުނު މަނާ ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.