ހަނގުރާމަ ކުރުން ހުއްޓާލައި ސުލްހަވާން ތައްޔާރު: ޕަންޖްޝޭރް ވާދީގެ ލީޑަރު

ޕަންޖްޝޭރް ވާދީ ހަނގުރާމަވެރިންގެ ލީޑަރު އަހްމަދު މަސްއޫދު: ފޮޓޯ / ރޮއިޓާސް

ހަނގުރާމަ ކުރުން ހުއްޓާލާ ސުލްހަވާން ވާހަކަ ދައްކަން ތައްޔާރަށް ހުރި ކަމަށް ތާލިބާނުންނަށް ކޮންޓްރޯލް ނުނެގި އޮތް އަފްގާނިސްތާނުގެ ޕަންޖްޝޭރް ވާދީގެ ލީޑަރު އަހްމަދު މަސްއޫދު ވިދާޅުވެއްޖެއެވެ.

ޕަންޖްޝޭރް ވާދީގެ ލީޑަރު އަހްމަދު މަސްއޫދު މީގެކުރިން ވަނީ ތާލިބާނުންގެ އަތްދަށަށް ނުދާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ސުލްހަވެރިކަމާއެކު ވާހަކަ ދެއްކި ދާނެ ކަމަށް އޭނާއާ ހަވާލާދީ ބައެއް ނޫސްތަކުގައިވެއެވެ. އޭނާ ބުނީ އެތައް ހާސް މީހުން ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިންނާ ގުޅެމުން އަންނަ ކަމަށެވެ.

"އަހަރެމެންނަށް ވާހަކަ ދެއްކޭނެ. ހުރިހާ ހަނގުރާމައެއްގައި ވެސް ވާހަކަ ދެއްކޭނެ، އަހަރެންގެ ބައްޕަ އަކީ ވެސް އޭނާގެ ދުޝްމަނުންނާ ވާހަކަ ދައްކާފައިވާ މީހެއް،" އަފްގާނުގެ ކުރީގެ ރިބެރަލް ކޮމާންޑަރުގެ ދަރި މަސްއޫދު ބުންޏެވެ.

ނަމަވެސް ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. ތާލިބާނުން އެ ވާދީގެ ކޮންޓްރޯލް ނެގުމަށްޓަކައި މަސައްކަތް ފެށިއެވެ. އަދި ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިންނާއި ކުރިމަތިލާން ފެށިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުރިމަތިލުންތަކުގައި ތާލިބާނުންނަށް އަލްގައިދާ އިން ވާގިވެރިވުމަށް ވެސް އޮތީ ނިންމާފައެވެ.

މަސްއޫދުގެ ފޭސްބުކްގައި އޭނާކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަނގުރާމަ ކުރުން ހުއްޓާލާ ސުލްހަ ވާން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ކަންކަން ހައްލު ކުރުމަށް ތާލިބާނުންނާއި ވާހަކަ ދައްކަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

މަސްއޫދުގެ އެ ވާހަކަތަކާ ގުޅިގެން އަފްގާނުގެ ދީނީ ބޮޑެތި އިލްމުވެރިން ވަނީ މަސްއޫދުގެ އެ ހުށަހެޅުން ބަލައިގަތުމަށް ތާލިބާނުންނަށް ގޮވާލައިފައެވެ. ނަމަވެސް އަދި ތާލިބާނުން އެކަމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގޮތުން ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން މީގެކުރިން ވަނީ ތަމްރީނުތައް ހަދަން ވެސް ފަށައިފައެވެ. ޕަންޖްޝޭރް ހަނގުރާމަވެރިންގެ ފަރިތަކުރުންތަކުގެ ފޮޓޯތައް ބައިނަލްއަގުވާމީ މީޑިއާތަކުގައި އާންމުވެސްވިއެވެ.

ވިހި އަހަރު ދުވަސް ވަންދެން އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފޭބުމާ ގުޅިގެން ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ފުލް ކޮންޓްރޯލް ނަގާފައެވެ. ނަމަވެސް ޕަންޖްޝޭރް ވާދީގެ ބާރު އަދިވެސް އެ ޖަމާއަތަކަށް ނުނެގެއެވެ.

ތާލިބާނުންނާއި ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 350އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.