ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ސަރުކާރަކުން ނުކުރަން: ރައީސް

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ރައީސް ސޯލިހު ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، ސަރުކާރުން ނުކުރާނެ ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދު ދައުލަތް ހިނގަމުން މި އަންނަނީ، ދައުލަތުގެ ތިން ބާރަށް ޤާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ސަރުކާރުން ރައްޔިތުން ގާތު ވައުދުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ފަނޑިޔާރުގެއެއް ގާއިމުކޮށްދިނުމަށް ކަމަށާއި ސަރުކާރު ކުރިއަށް ގެންދަނީ އެ ވަޢުދުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. ފަނޑިޔާރުގެ އިސްލާޙު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

"މުޅި ޝަރުއީ ނިޒާމަށް ބަލާއިރު، ކޯޓުތަކުން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަކަށް، އިދާރީ ހިންގުން ބަދަލުވަމުން އަންނަކަމީ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. ހުރިހާ ކޯޓުތަކެއް، އެއް ވިއުގައަކުން ގުޅައިލެވި، ކޯޓުތަކުގެ މެދުގައި މުއާމަލާތު ކުރެވޭނެ ފަސޭހަ އިންތިޒާމެއް، މިހާރު ހަމަޖެހިފައި އޮތުމަކީވެސް، ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖޭގައި ފެތުރިފައިވާ، އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކަށްވެސް، އެކަށީގެންވާ ހައްލެއް ހޯދުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ފަނޑިޔާރުގެއިން ކަމަށެވެ. އެއީ ކުޑަކުދިންނަށް ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ކަމަށްވިޔަސް، މާރާމާރީއާއި، ގޭންގުކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވިޔަސް، މިފަދަ ކޮންމެ މައްސަލައެއް ހައްލުކުރުމުގައި، ކޯޓުތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، އަދުލު އިންސާފު އޭގެ ވަގުތުގައި ގާއިމުކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޝަރުއީ މަރުހަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުމަކީ މުހިއްކު ކަމެއް ކަމަށެވެ. ރައްޔިތުންގެ ހިތްތަކުން ފަނޑިޔާރުގެއާމެދު އިތުބާރު ގެއްލުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީވެސް، ޝަރީއަތުގެ މަރުހަލާތައް ދިގުލައިގެން ގޮސް، ހައްގުތައް ލިބުމަށް ހުރަސްއެޅުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ވަރަށް ފަހި މާހައުލެއް މިހާރު ވަނީ އުފެދިފައި. އޭގެ ސަބަބުން އެފަދަ މައްސަލަތައް، ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާ މިންވަރު އެދަނީ އިތުރުވަމުން. މިފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމި ނިންމުމަކީ ހެޔޮ ފާލެއް ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަކީ، ފަނޑިޔާރުންގެ އިސް ވާޖިބު ކަމުގައި، އަމިއްލަ ނަފްސަށް ގަބޫލުކުރާ ފަނޑިޔާރުންތަކެއްގެ މައްޗަށް، ޝަރުއީ ނިޒާމު ބައްޓަންވުމަކީ، ގައުމެއްގެ ހަމަޖެހުމާއި ސުލްޙަމަސަލަސް ކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އަމިއްލަ ފަރުދެއް ކަމަށްވިޔަސް، ނުވަތަ ދައުލަތުގެ އިދާރާއެއް ކަމަށްވިޔަސް، ފަނޑިޔާރުގެއާ ހަމައަށް އަންނަނީ، ހައްގެއް ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ހައްގުތަކާއި، ފަނޑިޔާރުންގެ ނިންމުންތަކާ ދެމެދަށް ހުރަސްއަޅާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ކޮރަޕްޝަނާއި، ފައިސާގެ ދަހިވެތިކަން، އަމިއްލަ މަސްލަހުތުތަކާއި، ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީވެސް، ފަނޑިޔާރުން އިއްވާ ނިޔާތައް، އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއަޅާ އެފަދަ ކަންކަމަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު، ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ، އަދުލު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށާއި އެކަން ނުކުރެވޭހާ ހިނދަކު، ރައްޔިތުންގެ ހައްގުތައްވެސް ރައްކާތެރިއެއް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *