ގާސިމް ކޯފާ އިސްކުރައްވައި، ޔާމީނަށް ވަގަށް ގޮވައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ: ޔާމީނަކީ ބޮޑު އަނިޔާވެރިއެއް ކަމަށް ވިދާޅުވި--

މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގައި ކޯފާ އިސްކުރައްވައި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް ވަގަށް ގޮވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޔާމީނަށް ވުރެ "ބޮޑު އަނިޔާވެރިއެއް، ބޮޑު ވަގެއް" މިރާއްޖެއިން ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން ހަމަ ގައިމުވެސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް، ބޮޑު ވަގެއް، މި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ގޯފާ އިސްކުރައްވައި މަޖިލީހުގައި އެގޮތަށް ވާހަކަފުޅު ދެއްކެވީ ޔާމީނަށް ކުރި ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު މަޖިލީހުގައި ތަކުރާރުކޮށް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. ބިމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ޝިޔާމަށް އެ ވާހަކަފުޅު ނުދެއްކޭނެ ކަމަށް ވިދާޅުވެ، ނިޒާމީ މައްސަލައެއްގައި ގާސިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހޭނެތިގެން އައިޖީއެމްއެޗްގައި އެދުމަތިކޮށްފައި އޮއްވައި، ހުކުމެއް ކުރި ކަމަށެވެ. އޭރު އިންސާފުގެ ވާހަކަ ޝިޔާމް ނުދައްކަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުން އަޅުގަނޑަށް ހުކުމް ކުރީ އައިޖީއެމްއެޗުގައި އަޅުގަނޑު އެޑްމިޓްކޮށްފައި އޮއްވައި. ރޭގަނޑު މެންދަމު އެކެއް ނުވަތަ 11 ޖެހިއިރު ގެންގޮސް ހުކުމްކޮށް ނިންމާލީ. އޭރު ކާކަށް ކޮން ބާރެއް އައިސްގެންތޯ ފަނޑިޔާރުން ކުރެ، އައްސަވައި ބައްލަވާ،" ގާސިމް ވިދާޅުވިއެވެ.

ޔާމީނަށް ހުކުމް ކުރި ތިން ފަނޑިޔާރެއްގެ އަޑު ކަމަށް ބުނާ އޯޑިއޯތަކާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ވެސް ވަނީ ވާހަކަ ދައްކާފައެވެ. އެ ވާހަކަތަކާ ގުޅިގެން، ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުގެއަށް ނުފޫޒުފޯރުވައި، ސިޔާސީ ލީޑަރުންނާއި މަޖިލިސް މެމްބަރުން ކުރި ހުކުމްތަކުގެ ވާހަކަތައް އެމްޑީޕީގެ މެމްބަރުން ދަނީ ތިލަކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.