ހޯމް މިނިސްޓަރު އިމްރާން އިންޑިއާއަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޑިއާއަށް ވަޑައިގަތުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި : ފޮޓޯ / ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ނަޒީރުވެސް ވަނީ ވަޑައިގެންފައެވެ.

އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިމްރާން ވިދާޅުވީ، ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ މި ދަތުރުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމުގައި އިންޑިއާއާއި ދެގައުމު އެކުގައި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ދާހިލީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އިންޑިއާއަށް ވަޑައިގެންނެވިއިރު ދާދިފަހުން މި މަސް ތެރޭގައި އިންޑިއާއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ވަޑައިގެންފައެވެ. އަދި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި އެކު ބައްދަލުވުންތައް ބާއްވާ ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ދެބޭފުޅުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.