މަސްތުވާތަކެތި ދިން ކަމަށް އަދުހަމް ބުނި ވާހަކަ ފުލުހުން ދޮގުކޮށްފި

ގާސިމް މަރާލި އަދްހަމް/ ފޮޓޯ: ހަތާވީސް

ޑްރައިވަރު ގާސިމް މަރާލި އަދުހަމްއަށް މަސްތުވާތަކެތި ގަނެފައި ދިން ކަމަށް ބުނެ އަދުހަމް ޝަރީއަތުގައި މިއަދު ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެއް ހަގީގާތާއި ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، މިއަދު ގެ ޝަރީއަތުގައި އަދުހަމް އޭނާ ކޯޓަށް ފުލުހުންގެ ބެލުމުގެ ދަށުން ގެނައީ މަސްތުވާތަކެތި ދީގެން ކަމަށާއި، ފުލުހުންގެ ދަށުގައި މިހާތަނަށް އޭނާ ބަހައްޓާފައި ހުރީ ހާއްސަ އިނާޔަތް ދީފަ ކަމަށް ފުލުހުންނަށް ތުހުމަތު ކުރުމާއި ގުޅިގެން ނެވެ. މީގެ އިތުރުން އަދުހަމް ބުނީ އޭނާއަށް ހޭވެރިކަންވީ ކަރެކްޝަންސްއާއި ބައްދަލުކުރުމަށް ފަހު ކަމަށެވެ.

ފުލުހުން ބުނީ، ޑްރައިވަރު ގާސިމް މަރާލި މައްސަލައިގަ އަދުހަމް ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރި ކަމުގައި ވީ ނަމަވެސް އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުންނާނެ ކަމަށެވެ.

ޑްރައިވަރު ގާސިމް މަރާލި ކަމަށް އެއްބަސްވުމަށްފަހު އަދި އާއިލާގެ ކިބައިން އެކަމަށް މައާފަށް އެދުމަށްފަހު މިއަދު ބޭއްވި ޝަރީއަތުގައި އެކަމަށް ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުވަނީ އިންކާރުކޮށްފައެވެ.

މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގައި، ދައުވާ އިތުރަށް ސާފުކުރަން ބޭނުންތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ވަނީ ދައުވާ އިތުރަށް ސާފުކޮށްދިނުމަށް އެދިފައެވެ. ދައުލަތުން އަދުހަމަށް ކުރާ ދައުވާ ސާފުކޮށްދިނުމުން އަދުހަމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ބުނީ އޭނާ އެއްވެސް މީހަކު ގަސްދުގައި މަރާލާފައި ނުވާނެ ކަމަށެވެ. އަދި ގާސިމް ހަސަންގެ މަރަކީ އޭނާ ދެނަހުރި ކަމެއްވެސް ނޫން ކަމަށް އަދުހަމް ބުންޏެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީގެން ކަމަށެވެ. އޭނާ ވަނީ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން ފުރަތަމަ އަދުހަމް އަށް ދިން މަސްތުވާތަކެތި ދިނީ އޭނާ ތަނެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށާއި ފަހުން ފުލުހުންގެ އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގަނެގެން އެ ތަކެތި އޭނާއަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ހަމަ ބުއްދި ލިބުނީ މީގެ ހަތަރުވަރަކަށް ދުވަސް ފަހުން ކަމަށެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ވާހަކަ ދެއްކުމަށް އަދުހަމަށް ދިން ފުރުސަތުގައި އޭނާ ވަނީ މުއްދަތު މަޖިލީހެއްގައި އިންވެސްޓިގޭޓިވް އޮފިސަރަކު، އޭނާ ބަހައްޓަނީ ހާއްސަ އިނާޔަތްތަކަކާއެކު އެކަހެރިކޮށްފައި ކަމަށް ބުނި ހަނދާންވާ ކަމަށް ބުނެފައެވެ. އެގޮތުން އަދުހަމް ބުނީ ހާއްސަ އިނާޔަތުގެ ގޮތުން އޭނާ އެކަހެރިކޮށްފައި ހުރި ގޮޅިއަށް ފުލުހުން މަސްތުވާތަކެއްޗާއި، ސިނގެރޭޓާއި ސުޕާރި ވައްދައިދިން ކަމަށެވެ.

އަދުހަމްގެ ވާހަކަތަކާ ގުޅިގެން، އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އަދުހަމާ ދިމާވީ މިއަދު ކަމަށާއި އަދުހަމް ވެފައިވާ އިއުތިރާފަށް އިންކާރު ކުރާކަން އެނގުނީ ދާދި ދެންމެއަކު ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އަދުހަމް ހުރި އިރު، އެފަދަ އެއްވެސް ވާހަކައެއް ވަކީލާ ހިއްސާކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެވާހަކަތައް އިތުރަށް ސާފުކުރަން ވަގުތު ބޭނުންވާކަމަށް ވަކީލާ ވަނީ ވިދާޅުވެފައެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.