އަމިއްލަ ހެލްކޮޕްޓަރެއް ގެނައުމުގެ ހުއްދައަކަށް އެދި ޖާބިރުގެ ސިޓީއެއް މިނިސްޓަރަށް!

އަބްދުﷲ ޖާބިރު/ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ހެލްކޮޕްޓަރެއް ގެނައުމުގެ ހުއްދައަކަށް އެދި ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެ ސިޓީގައި ޖާބިރު ވަނީ އޭނާއަކީ ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އިތުރުން ވިޔަފާރިވެރިއެއް ކަމަށާއި އެހެންކަމުން އޭނާ އުޅެން ޖެހެނީ ވަރަށް އަވަދި ނެތި ކަމަށެވެ. އަދި ދާއިރާއަށް ވެސް އެތައް ދަތުރުތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވާ ޖާބިރުގެ ސިޓީގައި ވަނީ އެއީ ވަރަށް ގިނަ ވަގުތު ނަގާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އަމިއްލަ ހެލްކޮޕްޓަރެއްގެ ބޭނުން ވަރަށް ބޮޑުވެފައިވާ ކަމަށާއި ހެލްކޮޕްޓަރެއް ގެނައުމުގެ ހުއްދަ އެމަނިކުފާނަށް ދެއްވުމަށް އެދިފައެވެ.

ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މެންބަރެކެވެ. ހާއްސަ ގޮތެއްގައި މަޖިލިސް އިންތިހާބުގެ ތެރޭގައި ގާފަރާއި ކާށިދޫ "ކޭބަލް ކާރަކުން" ގުޅާލާނެ ކަމަށް ވިދާޅުވުމަކީ ޖާބިރުގެ މަގުބޫލުކަން އިތުރުވެގެން ދިޔަ ކަމެކެވެ.

ނަމަވެސް އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ޖާބިރަށް ފާޑުކިޔުންތައް އަމާޒު ކުރަމުންދާތީ ޖާބިރު ވަނީ މިސާލެއްގެ ގޮތުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނަގާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަޝްރޫއު ފައްޓާނެ ކަމާއި ބްރިޖު އަޅާނެ ކަމަށް ވިދާޅުވުމުން އެކަމަކީވެސް ނުވާނެ ކަމެއް ކަމަށް ގިނަބަޔަކު ބުނަމުން ދިޔަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.