ވަކި ކުރަން ނިންމާފައިވާ ސީއެސްސީގެ މެންބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފި

ސިވިސް ސާވިސް ކޮމިޝަންގެ އިސްވެރިން މަޖިލިސް ކޮމެޓީގައި -- ފޮޓޯ / މިހާރު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާއި އެ ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޝަހީދާއި އެކު އިތުރު ދެ މެންބަރަކު މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވާތީ އެ މައްސަލާގައި އެ މެންބަރުން ޖަވާބުދާރީވުމުގެ ފުރުސަތު ކޮމެޓީން ދީފިއެވެ.

ކޮމެޓީން ވަނީ އެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގާފައެވެ. މި މަހުގެ 10ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދައުލަތުގެ ހުރިހާ ވަޒީރުން ހާޒިރު ކުރެއްވިއެވެ. އަދި ވުޒާރާތައް ހިންގުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ސާފުކުރިއެވެ. އެގޮތުން ކޮމެޓީގައި ވަޒީރުން ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އަމަލުތައް ހުންނަ ގޮތުން ވުޒާރާ ހިންގުމަށް ދަތިވާ ކަމަށް ވިދާޅުވެފައެވެ.

އެ ދުވަހުގެ ބައްދަލުވުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ސީއެސްސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް ނިންމާފައެވެ. މިނިވަން މުއައްސަސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މެމްބަރުން ޖަވާބުދާރީ ކުރާނެ ގޮތަކާ މެދު މަޝްވަރާކުރިއެވެ. މެމްބަރުން ހާޒިރުކޮށްގެން ޖަވާބުދާރީކުރުވަންވެސް މަޝްވަރާކުރެވުނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން މަގާމުން ވަކިވާނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅާ މަޖިލިސް ޖަލްސާއިން ނަގާ ވޯޓަކުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.