މިއީ އެންމެންވެސް ޗައިނާއަށް މަދަދުވެރިވާންވި ވަގުތު: ނަޝީދު

ރައީސް ނަޝީދު މަޖިލިސް އިދާރާގައި ޗައިނާ ސަފީރާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

މި ވަގުތަކީ ދިވެހި ހުރިހާ ރައްޔިތުންވެސް ޗައިނާއަށް މަދަދުވެރިވާންވީ ވަގުތު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރާއި އެކުގައި މިއަދު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމަށްފަހު މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮންމެ އިންސާނަކީވެސް ބަލިވާނެ މީހެއް ކަމަށެވެ. އަދި ވިދާޅުވީ ބަލިވާ މީހާއަށް ބޭސް ކޮށްދިނުމަކީ ގަދަވެ ތިބޭ މީހުން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ. ބަލިވުމުން އެމީހާއަކީ އެކަހެރިކޮށް ވަކިކޮށްލެވޭ މީހަކަށް ހަދައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެފަދަ ވިސްނުން އަޅުގަނޑުމެން ގެންގުޅުން އެއީ އަޅުގަނޑަށް ފެނުނުގޮތުގައި ދެރަކަމެއް. އަޅުގަނޑު ޗައިނާ އެމްބެސަޑަރަށް ދެންނެވިން، އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންވެސް މިވަގުތު އެދިވަޑައިގަންނަވާނީ ޗައިނާއަށް މަދަދުވެރިކަމޭ. ޗައިނާ އަށް އިހުލާސްތެރިކަމޭ. ޗައިނާއަށް ހެޔޮއެދުމޭ" ނަޝީދު ވިދާޅުވިއެވެ.

ޝީދު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާގެ ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ސަފީރު ހިއްސާ ކުރެއްވި ކަމަށާއި މިވަގުތަކީ އެންމެންވެސް ޗައިނާ އާއި ދޭތެރޭގައި އިހުލާސްތެރިކަމާއި މަދަދުވެރިކަމާއި އެކުގައި އަމަލުކުރަންޖެހޭނެ ވަގުތެއްކަމަށް ޗައިނާގެ ސަފީރުގެ އަރިހުގައި ދެންނެވި ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 1،900 މީހަކު މަރުވެފައިވާއިރު، މި ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ 73،255 މީހުންނެވެ. އޭގެތެރެއިން 12،008 މީހުންވަނީ ފަރުވާ ދީގެން މިބަލިން ސަލާމަތް ވެފައެވެ. އަދި ޗައިނާގެ ބޭރުން 4 މީހަކުވަނީ ކޮރޯނާ ވައިރަސްޖެހިގެން މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.