ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން އީވާ ދެކޮޅު

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ދަރުސް ދެއްވުމަށް ރާއްޖެ ގެނައުން ރައްޔިތުން މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ދެކޮޅު ހަދައިފިއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ކުރެއްވި ޓޫވީޓަކަށް ރައްދު ދެއްވަމުން ނެވެ. މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓުގައިވަނީ، ޑރ. ބިލާލް ފިލިޕްސް ރާޢްޖެއަށް ދަރުސް ދެއްވުމަށް އެރުވި ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެއަށް ވަޑައިގަތުމަށް ނިންމަވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިކަމަށް ރައްދު ދެއްވައި އިވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ބިލާލް ފިލިޕްސްއަކީ ދަރުސް ދެއްވުމަށް އެންމެ އެކަށީގެންވާ ފަރާތް ނޫންކަމަށައި، އެކަން ހަމައެކަނި ގޫގުލްއިން ބެލުމުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި ޑރ. ބިލާލު ފިލިޕްސްއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށާއި، އަދި އަނިޔާވެރި އަމަލުތަކަށް ބާރުދީ، އަންހެނުންނަށްވެސް އަނިޔާވެރިވުމަށް ބާރުއަޅުއްވާ ބޭފުޅެއް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އީވާ ވަނީ ޑރ. ބިލާލް ފިލިޕްސްއަކީ، ޑިމޮކްރަސީއާމެދު ހަލާކުކުރަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމުގައި ތުހުމަތު ކުރައްވާ، އޭނާ ރާއްޖެ ގެނައުން ހުޓާލުމަށް ގޮވާލާފަ އެވެ.

ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވާނީ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިދަތުރުފުޅުގައި ޞުލްޙަވެރިކަމާއި، ތަޙައްމަލުކުރުމާއި، ލާމެހިގެން އުޅުމާ ގުޅޭ ގޮތުން އޭނާ ދަރުސް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.