2022ގައި އިންޓަނެޓުގެ އަގުހެޔޮ ކޮށްގެން ރިޔާސީ އިންތިހާބަކަށް އަސަރެއް ނުކުރާނެ: ނިހާން

Ahmed Nihan

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން މީގެކުރިން ވާހަކަދައްކަވަނީ: ފޮޓޯ / ސަން

2022 ވަނަ އަހަރުގައި އިންޓަނެޓުގެ އަގުހެޔޮ ކޮށްގެން ރިޔާސީ އިންތިހާބަކަށް އަސަރެއް ނުކުރާނެކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހަމްދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ އިންޓަނެޓުގެ އަގުތައް ހެޔޮވާނީ 2022ވަނަ އަހަރު ކަމަށް ރައީސް އޮފީހުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލަށް އެންގުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުން ނެވެ.

ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 2022 އަހަރު އިންޓަނެޓްގެ އަގު ހެޔޮކޮށްގެން، 2023 ވަނަ އަހަރުގެ ވޯޓަށް އަސަރުކުރާނޭކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށާއި، އެކަން ދިވެހިންނަށް ކޮށްދޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވެރިކަމެއްގަ ފުރަމަތަމަ 100 ދުވަސް ތެރޭގަކަމަށް ނިހާން ވިދާޅުވިއެވެ.

ރައީސް އޮފީހުން މިނިސްޓަރު މަލީހަށްވަނީ މިކަމާއި ގުޅިގެން ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައިވަނީ، އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކޮމިއުނިކޭޝަން މިނިސްޓްރީން ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓަރު މަލީހަށް އަންގާފައި ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) އަށް ރިއާޔަތްކޮށް، އޭގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ. ރައީސް އޮފީހުން މިނިސްޓަރު މަލީހަށް މި މަހުގެ 10ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސެޕްގައި ކަނޑައަޅާފައިވާ ތާރިހަކީ 2022ވަނަ އަހަރެވެ. އެހެންކަމުން އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދައި ހުށަހެޅުމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް ވަނީ އަންގާފައެވެ. އަދި ހައްލުތައް ހޯދުމަށް މަސައްކަތް ކުރާއިރު ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޝްވަރާއާއެކު ކުރިއަށް ދިއުމަށް ވެސް ވަނީ އެދިފައެވެ.

ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، ރައްޔިތުންނަށް އެކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވޭނެ ކަމަށާއި އަދި މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މި ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު މޮނީޓާ ކުރުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަންޖެހޭ ދައުރު ހަރުދަނާ ކުރުމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އަދި ވަކިން ހާއްސަކޮށް ކުރިއަރާފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލުތަކަށް ރިއާޔަތް ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *