މިނިމަމް ވޭޖް ކަނޑައަޅަން މަޖިލީހުގެ ލަފައެއް ހޯދަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ފޮޓޯ / މަޖިލިސް

މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގައި މަޖިލީހުގެ މެންބަރުންގެ ލަފައެއް ހޯއްދެއްވުމަށް އެދިވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ރިޕޯޓް ފޮނުއްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނޭ ގޮތެއް ކަރުދާހެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖްް ކަނޑައަޅައި އިއުލާނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް އިއުލާނު ކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށާއި، މިނިމަމް ވޭޖް އިއުލާނު ކުރައްވާނީ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ މަތިން ކަމަށެވެ.

http://hathaavees-com.avashost.com/2231/ - [މި ހަބަރާއި ގުޅޭ ލިންކް]

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުނަށް މިނިމަމް ވޭޖެއް ދިނުން ލާޒިމުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތަކުގެ ތެރޭގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ސިނާއަތް، ތައުލީމީ ހިދުމަތުގެ ސިނާއަތް އަދި ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އިގްތިސާދަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން އޭގެ ކުރިން ވެސް އެ އަދަދުތައް މުތާލިއާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.