ވޫހާންގެ ހޮސްޕިޓަލެއްގެ ވެރިއަކު ވައިރަސް ޖެހިގެން މަރުވެއްޖެ

މެޑިކަލް އޮފިސަރަކު އެމްބިއުލާންސް ދުއްވާފަދާ މަންޒަރު/ ފޮޓޯ: އާރްޓީ ނިއުސް

ޗައިނާގެ ވޫހާން ސިޓީ ވޫޗޭންގް ހޮސްޕިޓަލްގެ ޑައިރެކްޓަރަކު ކޮވިޑް- 19 ޖެހިގެން މަރުވެއްޖެއެވެ.

ޗައިނާގެ ހަބަރަ ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، ޗައިނާގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ވޫހާން ސިޓީގެ ހޮސްޕިޓަލްގެ ޑައިރެޓަރު މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ކޮވިޑް- 19 ޖެހިގެން ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

މަރުވެފައިވަނީ ވޫހާން ސިޓީގައި ހުރި ވޫޗޭންގް ހޮސްޕިޓަލްގެ ޑައިރެކްޓަރ ލިއު ޒިމިންގް ނަމަކަށް ކިޔާ މީހެކެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް- 19 ގެ ސަބަބުން ޗައިނާގައި މި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދޭ މީހުންގެ ތެރެއިން 1،716 މީހުން ބައްޔަށް ޕޮޒިޓިވްވެ، 6 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ހަމައެކަނި ވޫހާންގަ މަސައްކަތް ކުރަމުންދިޔަ ހެލްތް ވޯކަރުންގެ ތެރެއިން 1،102 ފަރާތަކަށް އެ ވައިރަހުގެ އަސަރު ވަނީ ސީދާގޮތުން ކޮށްފައެވެ.

ވޫހާން ސިޓީގެ ޖުމަލް އަބާދީއަކީ 11 މިލިއަނެވެ. އެ ސިޓީގައި 38 ހޮސްޕިޓަލާއި، 6،000 އާއި ގާތްކުރާ އަދަދަކަށް ކްލިނިކުތައް ހުރެއެވެ. ނަމަވެސް ވޫހާންގެ މުނިސިޕަލް ހެލްތް ކޮމިޝަނުން ވަނީ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 9 ހޮސްޕިޓަލެއް އެކަމަށް ހާއްސަކޮށްފައެވެ. އަދި 61 ހޮސްޕިޓަލެއްގައި ނިއުމޯނިއާގެ އަލާމަތެއްކަމަށްވާ ހުން ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވަކިން ހޮސްޕިޓަލްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.

މި ހޮސްޕިޓަލްތަކުގެ ތެރެއިން ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާއި 28 ވަނަ ދުވަހާއި ދެމެދު، ޒޮންގްނަން ހޮސްޕިޓަލުގައި ވެސް 40 ހެލްތް ވޯކަރުންނަށް ކޮވިޑް-19 ޖެހުނެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 1،900 މީހަކު މަރުވެފައިވާއިރު، މި ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ 73،255 މީހުންނެވެ. އޭގެތެރެއިން 12،008 މީހުންވަނީ ފަރުވާ ދީގެން މިބަލިން ސަލާމަތް ވެފައެވެ. އަދި ޗައިނާގެ ބޭރުން 4 މީހަކުވަނީ ކޮރޯނާ ވައިރަސްޖެހިގެން މަރުވެފައެވެ. މިއީ މި ވައިރަހުގައި ހޮސްޕިޓަލުގެ އިސް މަގާމެއްގައި ހުރި ފަރާތެއް މަރުވި ފުރަތަމަ ފަހަރެވެ.

ޑރ. ލީ މަރުވެފައިވާއިރު މި ވައިރަސް ފެތުރެން ފެށުމުގެ ކުރިން އޭގެ ނުރައްކާ އާންމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައި ޑޮކްޓަރު، ލީ ވެންލިއާންގެ ވެސް ވަނީ މީގެކުރިން މަރުވެފައެވެ. ޑރ.ލީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ނުރައްކާތެރި ބައްޔެއްގެ ނުރައްކާ އޮތްކަން އޭނާއާއެކު މަސައްކަތް ކުރާ ޑޮކްޓަރުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން މި ބަލިން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ލީ ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *