މަޖިލީހަށް "ސިއްރު" ޖަހާފައި ތަކެތި ފޮނުވުމަކީ އަޅުގަނޑު ހިތް ރުހޭ ކަމެއް ނޫން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާއެއްގައި -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް "ސިއްރު" ޖަހާފައި ތަކެތި ފޮނުވުމަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްގޮތަކަށްވެސް ހިތްރުހޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސް ވަގުތުކޮޅަށް ދިއުމުގެ ކުރިން ނަޝީދު ވަނީ އިއްޔެ އެމަނިކުފާނު ދެއްކެވި ވާހަކައެއް އިތުރަށް ތަފްސީލް ކޮށްދެއްވާފައެވެ. ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ޓާމިނަލް މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓަކީ "ސިއްރު" ރިޕޯޓެއް ކަމަށެވެ. އަދި ވިދާޅުވީ އެ ރިޕޯޓު މަޖިލީހުގެ މެންބަރުންނަށްވެސް ހިއްސާ ކުރައްވާނެ ކަމަށާއި ނަމަވެސް މެންބަރުންވެސް އެ ރިޕޯޓު ސިއްރު ކަމާއި އެކުގައި ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

ނަޝީދު އެފަދައިން ވިދާޅުވުމުން އޭސީސީން ރޭ ވަނީ އެ ރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫން ކަމަށް ބުނެފައެވެ. އަދި ބުނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އިދާރާތަކަށް އެ ރިޕޯޓު ފޮނުވިއިރު "ސިއްރު" ޖަހާފައިވާނެ ކަމަށާއި ނަމަވެސް އޭސީސީން އާއްމުކުރި ނޫސްބަޔާނުގައި އެ ރިޕޯޓުގައި ހުރި ގިނަ ކަންކަން ހާމަކޮށްފައިވާނެ ކަމަށެވެ.

"ކޮންމެއަކަސް އަޅުގަނޑަށް އެ ލިބުނުއިރު ބޮޑު އަކުރުން ސިއްރު ޖަހާފައި އޮތީމަ ތަކުރާރުކޮށް އެތައް ފަހަރަކު އަމީން އާއްމު އަރިހުގައާ ކައުންސިލާ ޖެނެރަލް އަރިހުގައި އެހިން ކިހިނެއްތޯއޭ ހަދާނީ މިއީ އަޅުގަނޑު ވަރަށް ހިތް ނުރުހޭ ކަމެކޭ ސިއްރު ޖަހަ ޖަހާފައި މިތަނަށް ތަކެތި ފޮނުވުމުން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިއްރު ޖެހުމަށްފަހު މަޖިލީހަށް ކިތަންމެ "އަވަސް އަވަހަށް ތަކެތި ފޮނުވި ނަމަވެސް" މަޖިލީހުގެ 87 މެންބަރުންނަށް އެ ސިއްރު މައުލޫމާތު ސިއްރުކަން މަތީގައި ފޯރުކޮށްދޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސް އަރިހުގައި ދައްކަވާނެ ސިއްރު ވާހަކައެއް ނޯންނާނެއެވެ.

"ސަރުކާރު އެއްވެސް ބޭފުޅަކުވެސް ދައުލަތުގެ އެއްވެސް ބޭފުޅަކުވެސް މަޖިލީހުގެ ރައީސް ކައިރީގައި ސިއްރުން ވާހަކައެއް ދައްކަވައިގެން ނުވާނެ. އަޅުގަނޑަށް އެނގޭ އެއްޗެއް ވިއްޔާ މަޖިލީހުގެ 87 މެންބަރުންނަށް ހަމަ ސިއްރުން އަޅުގަނޑު ދަންނަވާނީ،" ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ސިއްރު ޖަހާފައި މިތަނަށް ކިތަންމެ އަވަހަށް ތަކެތި ފޮނުވިއަސް އެ ސިއްރު މިނުގައި ތިޔަ 87 މެންބަރުންނަށް އަޅުގަނޑު ފޯރު ކޮށްދޭން ބޭނުން. އެއީ މިތަނުގައި ސިއްރު ހިފަހައްޓާނެ ގޮތަކީ. އަޅުގަނޑު ގާތުގައި އެކަންޏެއް ދައްކާނެ ސިއްރު ވާހަކައެއް މި މަޖިލީހުގައެއް ނޯންނާނެ.

އޭސީސީގެ އެ ރިޕޯޓު މަޖިލީހުން ރޭ ވަނީ މަޖިލިސް މެންބަރުންނަށް ހިއްސާކޮށް އަދި މަޖިލީހުގެ ވެބްސައިޓުގައިވެސް އާއްމުކޮށްފައެވެ.

އޭސީސީގެ ރިޕޯޓުގައި ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *