މުސްތަފާ ނިކުންނެވީ މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި!

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ -- ފޮޓޯ / މަޖިލިސް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން އަލީ ވަހީދުގެ ދިފާއުގައި ނިކުންނެވި ސިޔާސީ ބޭފުޅަކަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވެވަޑައިގެންފިއެވެ.

މުސްތަފާ ވަނީ އަލީ ވަހީދުގެ ދިފާއުގައި ވާހަކަދައްކަވާ ޓްވީޓެއް ކުރައްވާފައެވެ. މުސްތަފާ ވިދާޅުވީ އަލީ ވަހީދު އެ ދައްކަވަނީ ތެދު ވާހަކަތަކެއް ކަމަށާއި އެގޮތުން ހަށިގަނޑުގެ ގުނަވަންތައް ބައިބައިކޮށްފައި އޮތް ނަމަވެސް އެއީ އަލީ ވަހީދު ކަމަށް ދައްކާނެ ކަމަށެވެ. އަދި ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކުގެ އަޑުން މީހަކު ވާހަކަ ދައްކަނިކޮށް މީގެކުރިން އަޑު އައްސަވާފައިވާ ކަމަށެވެ.

މުސްތަފާ މިފަދައިން ވިދާޅުވިއިރު ހުދު އަލީ ވަހީދުވެސް ވަނީ އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްފިނަމަ ހަގީގަތް ސާފުވެގެން ދާނެ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު އިއްޔެ އެހެން ވިދާޅުވިއިރު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އޯޑިއޯތަކުގައި ޖިނާއީ ކަމެއް އެކުލެވޭތީ ކަމާބެހޭ ފަރާތްތަކާއި އެކުގައި އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ލީކުވި އެ އޯޑިއޯތަކުގައި މިނިސްޓަރު އަލީ ވަހީދު ވަނީ ހެލްތު މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރަށް އިޝާރާތް ކުރައްވާ ވަރަށް ހުތުރުކޮށް ވާހަކަދައްކަވާފައެވެ. އަދި ހަމައެއާކުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅުވައިގެންވެސް އޭނާ ވަނީ ހުތުރު ވާހަކަތަކެއް ދައްކަވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.