މާލޭގެ މަގުތަކުގައި ނުދުއްވާ ގިނަ ދުވަސް ވެފައި ހުރި ވެހިކަލްތައް ނަގަން ފަށައިފި

މާލޭގެ މަގުތައް މަތީގައި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ފުލުހުންނާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ނަގަމުން ދަނީ ---

މާލޭގެ މަގުތަކުގައި ނުދުއްވާ ހުންނަ އެއްގަމު އުޅަނދު ފަހަރު ނަގާ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ނުދުއްވާ ހުންނަ އެއްގަމު އުޅަނދު ފަހަރު ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ ހާއްސަ އިއުލާނެއްވެސް ކުރުމަށް ފަހުއެވެ. އިއްޔެ ކޮށްފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިގާވެ އުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދު ފަހަރު އެ ކައުންސިލާއި ،މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ނަގަމުން ގެންދާނެ ކަމަށެވެ.

އެހެންކަމުން މަގުމަތީގައި ބަހައްޓާފައި ހުރި އެފަދަ އެއްގަމު އުޅަނދު ފަހަރު (ވެހިކަލް) ނަގައި މަގުމަތި ސާފު ކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އުޅަނދު ފަހަރުގެ ވެރި ފަރާތުން އެ އުޅަނދެއް ނުނަގާ ނަމަ އެއްގަމު އުޅަނދުފަހަރު ގަވައިދު ނަމްބަރު "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު" ގެ ދަށުން އެ އުޅަނދެއް ނަގައި ނައްތާލެވޭނެ ކަމަށެވެ.

އަދި އެއްގަމު އުޅަނދު (ވެހިކަލް) ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް އެ ކައުންސިލުން ޒިންމާ ނުވެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.