މުއިއްޒަށް އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ މައްސަލައިގެ ޝަރީއަތް މާދަމާ

މާލޭގެ މޭޔަރު ޑރ. މުއިއްޒު: ފޮޓޯ / ހަތާވީސް

ދިވެހި ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނު "ނޫމަޑި މައްސަލާގައި" މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ބާއްވާ އެ އަޑުއެހުން ފެށުމަށް ތާވަލު ކޮށްފައި ވަނީ މާދަމާގެ ހެނދުނު 10:30ގައެވެ. މުއިއްޒުގެ މައްޗަށް އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން އޭރު ބުނީ މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ، އާބިޓްރޭޝަންގައި އެކަން ހިނގައިދިޔަ ގޮތާ ގުޅިގެން، މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދިނުމަށް އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތު ފުލުހުންނަށް ހުށަހަޅުއްވާފައިވަނިކޮށެވެ. ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫންކަން ތަހުގީގުކޮށް ދިނުމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ވަނީ ބަޔާން ދެއްވާފައެވެ. ނަމަވެސް ވަޒީރުކަމުގައި އޭނާ ހުންނެވިއިރު އެ މައްސަލައިގައި އޭނާ ވަނީ ދައުލަތް ދިފާއު ކުރައްވާފައިވާފައެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

ނޫމަޑި މައްސަލާގައި ދައުލަތާ ދެކޮޅަށް އެ މައްސަލަ ނިމިގެން ދިއުމުން، 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭންޖެހުނުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.