ވަގުތީ ގޮތުން ފުވައްމުލަކަށް ކަރަންޓު ދީފި

ފުވައްމުލަކު ސިޓީ --

ރޭ ފަތިހުން ފެށިގެން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑިފައިވާ ފުވައްމުލަކު ސިޓީ އަށް ވަގުތީ ގޮތުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.

އެ ސިޓީ އަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަން އިންނެވެ. އެ ކޯޕަރޭޝަން އިން ބުނީ އެ ދެ ހިދުމަތަށް ބުރޫ އެރީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށެވެ.

އެ ކޯޕަރޭޝަންގެ މެސެޖެއް ހިއްސާ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފުވައްމުލަކު ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި މިވަގުތު ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަން ޖެހޭ އާލަތްތައް ބޭނުން ކުރުމަށް އެ ކޯޕަރޭޝަން އިން އިލްތިމާސް ކުރާ ކަމަށްވެސް އެ މެސެޖުގައިވެއެވެ.

އެކަމަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ފެނަކަ އިން ބުނެފައި ވަނީ 24 ގަޑިއިރަށްވުރެ ގިނަ ވަގުތުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.