ވެކްސިން ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ހިދުމަތްތައް ދިނުމުގައި ލުއި ދެނީ

ދައުލަތުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: ފޮޓޯ / ސަން

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި ލުއިތައް ދޭން ދިނުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ އެގޮތަށް ނިންމީ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ދޭ ހިތްވަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެކަމަށް އަމަލު ކުރަން ފަށާނީ ސީދާ ކޮން ތާރީހެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ވިދާޅުވީ އެކަމަށް އަމަލު ކުރަން ފަށާއިރު ވެކްސިން ނުޖަހާ މީހުންނަށް އެފަދަ ލުއިތައް ނުދެވޭނެ ކަމަށެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މި ފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމެވެ. އެހެންކަމުން މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ވަނީ އެކަމަށް ހާއްސަ ކެމްޕެއިން އެއް ފަށައިފައެވެ.

އެގޮތުން އެ ކެމްޕެއިންގެ ތެރެއިން، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައިގެން ނޫނީ އާއްމު ދިރިއުޅުމަށް ނުދެވޭނެ ކަމަށް ކަމާބެހޭ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 268،244 މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.