ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ސްކޫލުތަކަކަށް ނުވަދެވޭނެ

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: ފޮޓޯ / ހަތާވީސް

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ދެމުން ގެންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް މީހަކަށް ސްކޫލުތަކަކަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން [ސެޕްޓެމްބަރު 1، 2020] ސްކޫލުތަކަށް ވަދެ ނިކުމެވޭނީ ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެހެންކަމުން ދަރިވަރުންގެ ރައްކާތެރި ކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ވީ އެންމެ އަވަހަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިންގެ ގައުމީ ކެމްޕެއިން އެއް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެ ކެމްޕެއިންގެ ދަށުން ގިނަ ބަޔަކު ވެކްސިން ޖެހިއެވެ. ނަމަވެސް ވަކި ހިސާބަކުން ވެކްސިން ލިބުމުގައި ދަތިތަކާއި ކުރިމަތިވެ ބައެއް މީހުން ވެކްސިން ޖެހުން ލަސްކުރިއެވެ.

ނަމަވެސް މިހާރު ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގެ އާބާދީގެ އެންމެންނަށް ވާވަރަށް ވެކްސިން ލިބިފައިވާ ކަމަށާއި އެހެންކަމުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.