ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ސަން ސިޔާމް

ރައީސް ޔާމީންގެ ވެރިކަމުގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ސިޔާމް އާއި ރައީސް ޔާމީން ސަލާމް ކުރައްވަނީ: ފޮޓޯ / ސަން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގައި ދައުލަތުން ޔާމީނާއި ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފިއެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެމަނިކުފާނަކީ ވެސް ހައި ރިސްކު ކެޓެގަރީގެ ބޭފުޅެއް ކަމުން މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އަމިއްލަފުޅު ގޭގައެވެ.

ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކޮށްފައިވާ ކަމަށް ދައުލަތުން މީގެކުރިން ބުނެފައިވެއެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ ދައުލަތުން ޔާމީނަށް ކޮށްފައިވާ ދެ ދައުވާ އަށް ވެސް ހުށަހަޅަނީ ހަމަ އެއް ހެކިތަކެއް ކަމަށެވެ. ހެކީގެ ގޮތުގައި ޖުމްލަ 86 ހެއްކެއް ދައުލަތުން ވަނީ ޔާމީނާއި ދެކޮޅަށް ހުށަހަޅައިފައެވެ. އެގޮތުން ދައުލަތުން ހުށަހެޅި ބައެއް ހެކިތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ހިމެނެއެވެ. މިހާރުވެސް ރައީސް ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދާ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދިޔައިރުި މި ދެ ބޭފުޅުންނަކީ ދައުލަތުން ހުށަހެޅި ދެ ހެކިންކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ދެން ހުށަހަޅާފައި ވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފެވެ. ސިޔާމް އަކީ ރައީސް ޔާމީނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ސިޔާމް ފެނިގެން ދިޔައީ ޔާމީނާއި ވަރަށް ދުރުން މަސައްކަތް ކުރެއްވި މަންޒަރެވެ.

ކިތާބީ ހެކީގެ ގޮތުގައި އެމްއެމްޕީއާރްސީއާ ދެމެދު ބަދަލު ކުރެވުނު ސިޓީތަކާއި ޓްރާންސެކްޝަންތައް ވެސް ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގައި ހުށަހަޅައިފައެވެ. ދިފާއު ވުމަށް ޔާމީންގެ ފަރާތުން ޖުމްލަ 30 ހެއްކެއް ހުށަހެޅިއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަދި ޝުއާއުގެ ނަން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅައިފައެވެ. ނަރީޝް އަދި ޝުއާއުގެ ނަން ހުށަހެޅީ ޑޮލަރު ގަތުމަށް ސިޔާމް ފައިސާ ހަވާލުކުރިކަން ސާބިތު ކުރުމަށެވެ. ހަމަ އެކަމާއި ގުޅިގެން ސަން ސިޔާމްވެސް ހެކިންގެ ގޮތުގައި ހުށަހެޅުމަށް ޔާމީންގެ ފަރާތުން އެދުނެވެ.

މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 22ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން ދައުލަތުން މީގެކުރިން ބުނީ މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.