ޖޭޕީގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ފަށައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް ލިބޭ ގޮތް ނުވެއެވެ. މި ބައްދަލުވުން ބާއްވަމުން މި ގެންދަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓުރިޒަމް މިނިސްޓަރު ގެ މަގާމުގައި ހުންނެވި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކުވި މައްސަލާގައި އަލީ ވަހީދު ސަސްޕެންޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށްވެސް ވަނީ ގޮވާލައްވާފައެވެ.

އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކުވެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ރެއާ ހަމައަށް ފަސް އޯޑިއޯ ކްލިޕުތަކެއް ލީކުވެފައިވާއިރު ސަރުކާރުގެ ވަޒީރުންނާއި ގުޅޭ ގޮތުން އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން އާއްމުން އަންނަނީ އަލީ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މި އޯޑިއޯތަކުގައި އަލީ ވަހީދު ވާހަކަދައްކަވަމުން ގެންދެވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އާއެވެ. އެންމެ ފުރަތަމަ ލީކުވި އޯޑިއޯގައި އަލީ ވަހީދު ހުތުރުބަހުން ވާހަކަދެއްކެވީ ހެލްތު މިނިސްޓަރު އަމީނަށް އިޝާރާތް ކުރައްވައެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއިރު ވެސް އަމީން ބެއްލެވީ މީޑިއާ ސްޓަންޓްތަކުން މަޝްހޫރުވެ، ކްރެޑިޓް ނެންގެވޭތޯ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ވެސް އަލީ ވަހީދު ގުޅުއްވިއެވެ. ނަހުލާއަށް ގުޅުއްވާ އޭނާ ވިދާޅުވީ ގުޅާލީ “މިސް”ވެގެން ކަމަށެވެ. ރައްދުގައި ނުހަލާ ވިދާޅުވަނީ “މިއަދު އިރުއެރީ ކޮން ކޮޅަކުންތޯ”އެވެ. އަދި އެއަށްފަހު ނަހުލާއަށްވެސް ބޭ އަދަބީކޮށް އަލީ ވަހީދު ވާހަކަދައްކަވާފައިވެއެވެ. ނަހުލާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނެވެ. އަލީ ވަހީދަކީ އެޕާޓީގެ ރައީސްއެވެ.

ރޭ ލީކްވި އޯޑިއޯގައި އަލީ ވަހީދު ދައްކަވާފައިވަނީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެތައް ކަމަކަކަށް އަރައިގަންނަ ވާހަކައެވެ. އަދި އެފަދަ ކަންކަން ކުރަން ބާރު އަޅާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ކައުންސިލް  މެންބަރުން ސޯޝަލް މީޑިއާގައި އަންނަނީ އަލީ ވަހީދުގެ މައްސަލަ ބަލައި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލާފައެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ  މައްސަލަ ބެލުމުގެ ގޮތުން ފުރަތަމަވެސް އަލީ ވަހީދު މަގާމުން ސަސްޕެންޑު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު  އަހުލާގީ މިންގަނޑު ނެއްޓިއްޖެ ނަމަ އޭނާއާ މެދު ޕާޓީންވެސް ފިޔަވަޅު އެޅުމަށް އަންނަނީ ގޮވާލަމުންނެވެ.

މިކަމާއި ގުޅޭގޮތުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތެއް ނުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.