އިންޓަނެޓު އަގުހެޔޮ ނުވެގެން އުޅެނީ މަލީހުއާ ހެދި ނޫންކަން މިހާރު އެނގިއްޖެ!

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް --

ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓުގެ ޚިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ އޭގެ ތެރެއިން ހަތް ވަނައިގައެވެ. ރާއްޖޭގެ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ވެރިކަމަށް އެއް އަހަރުވެގެން ދިޔައިރުވެސް މިކަމަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު އެއްޗެއް ޓްވީޓު ކޮށްލާއިރަށް އާއްމުން އެމަނިކުފާނަށް "ރަތް މަހަށް: ނުގޮވާވަރަށް އެއްޗެހި ގޮވައެވެ. އިންޓަނެޓުގެ އަގު ހެޔޮވާނީ ކޮން އިރަކުންތޯއާ އެކަން ނުކުރެވޭ ކަމަށްވާނަމަ އިސްތިއުފާ ދެއްވުމަށްވެސް އެމަނިކުފާނަށް އަންނަނީ ގޮވަމުންނެވެ. ތަކުރާރުކޮށް މަލީހު ވިދާޅުވަނީ އެންމެ ވާހަކައެކެވެ. އެ ބާރު އޮތީ ރައީސް އޮފީހުގައި ކަމަށެވެ. ނަމަވެސް މަލީހުގެ އެ ވާހަކަތައް އަޑުއަހާނެ މީހަކު މި ރާއްޖެއަކު ނެތެވެ. ސަބަބުތައްވެސް ކިތަންމެހާވެސް ބައިވަރެވެ. ހުދު ރައީސް އޮފީހުންވެސް މަލީހުގެ އެ ވާހަކަތަކަކީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމެއްވެސް ބުނަމުން ދިޔައީ އެއް ނޫނެވެ. މަލީހު އެފަދައިން ވިދާޅުވި ފަހުންވެސް ރައީސް އޮފީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް އެތައް ފަހަރަކު ނޫސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. ނަމަވެސް އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.

އެހެންކަމުން ގިނަ ބަޔަކަށް ހީވެފައި އޮތީ މަލީހު މިކަމުގައި އިތުރުފުޅު ހައްދަވަނީ ކަމަށެވެ. ހަވާލު ކުރެވުނު މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަލީހަށް އަދާ ކުރެވިގެން ނުދާ ކަމަށެވެ.

އެހެންނަމަވެސް މަލީހްއާ އިންޓަނެޓާއި "ކަނެކްޓު"ވާނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ. މަލީހް ވިދާޅުވި ފަދައިން އެ ބާރު އޮތީ ރައީސް އޮފީހުގެ އަތް މަތީގައެވެ. މަލީހުގެ މިނިސްޓްރީން ވަނީ ސަރުކާރަށް އިންޓަނެޓު އަގު ހެޔޮ ކުރާނެ ގޮތްތަކާއި ގުޅޭ ޕްރޮޕޯސަލެއް ރައީސް އޮފީހަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ފޮނުވާފައެވެ. އެ ސިޓީގެ ޖަވާބު ރައީސް އޮފީހުން ދީފައި މިވަނީ މި މަހުގެ 10ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އާމިނަތު ޝައުނާ ސޮއިކުރައްވައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް ފޮނުއްވި އެ ސިޓީގައި ޝައުނާ ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) އަށް ރިއާޔަތްކޮށް، ސެޕްގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށް އަންގާފައެވެ.

އެހެންކަމުން ސަރުކާރުން ނިންމާފައިވަނީ 2022ވަނަ އަހަރަށް އިންޓަނެޓުގެ އަގުތައް ހެޔޮކުރެވޭނެ ވަރަށް މަސައްކަތް ކުރުމަށެވެ. އެހެންކަމުން ޝައުނާ މަލީހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް، އެންމެ އެކަށޭނަ، ގޮތަކަށް ހައްލު ހޯދުމަށެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުވެލެވޭ ކަމަށެވެ. ރައްޔިތުންނަށް މިކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވި، މީގެ އިތުރުން މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މިގޮތަށް ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ޝައުނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މިހާ ހިސާބުން އެނގިގެން ދަނީ މިއީ ދައުލަތުގެ ބަޖެޓު ނުވަތަ އާމްދަނީއާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމެވެ. ހަމަ ހުރެ ބަހައްޓާފައި އިންޓަނެޓުގެ އަގު ހެޔޮ ކުރެވުނު ނަމަވެސް އަދި މުއާސަލާތު ހިދުމަތް ދޭ ކުންފުނިތަކުން އިންޓަނެޓު އަގުހެޔޮ ކުރުމަށް އެއްބަސްވި ނަމަވެސް އެކަން ސަރުކާރަށް ކުރުމަށް ދަތިވެ އުނދަގުވާ ކަމެވެ. އެންމެ ބޮޑު އުނދަގުލަކީ ނުވަތަ ގޮންޖެހުމަކީ ދައުލަތަށް ގެއްލިގެންދާ އެތައް މިލިއަން ފައިސާ ތަކެކެވެ.

ރާއްޖެއަކީ އާމްދަނީ ލިބޭނެ މާގިނަ ވަސީލަތްތަކެއް ނެތް ގައުމެއް ކަމުން އާމްދަނީއެއް ލިބޭ އެއްވެސް ދިމާލެއް ހަމަ ހުރެ ބަހައްޓާ ބަންދު ކޮށްލުން ވެގެން ދާނީ ދައުލަތަށް އެކަމުން ލިބިގެންދާ ވަރަށް ބޮޑު ދައްޗަކަށެވެ. އެހެންކަމުން ޕްރޮޕޯސަލް ހަދާފައި ފޮނުވި ނަމަވެސް ސަރުކާރަށް އެކަން ކުރެވެން އަންނާނީ އެތައް ބަޔަކާއި އެތައް މަޝްވަރާތަކެއް ކުރުމަށްފަހުއެވެ.

ކޮންމެއަކަސް އިންޓަނެޓު ރާއްޖޭގައި ހެޔޮ ނުވެގެން މިއުޅެނީ މަލީހުގެ ސަބަބުން ނޫންކަން މަލީހަށް ޝައުނާ ފޮނުއްވި ސިޓީން ވަރަށް ރަނގަޅަށް ދޭހަވެގެން އެބަދެއެވެ. މަލީހު ކުރަންޖެހޭ މަސައްކަތް އޭނާ ކުރައްވައިފިއެވެ. ދެން އޮތީ ރައީސް އޮފީހުގެ ބައެވެ.

Leave a Reply

Your email address will not be published. Required fields are marked *