އޭސީސީގެ ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް މަޖިލީހުން ރިޕޯޓު އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

މައްސަލަ ބޮޑުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން ކުރި ތަހުގީގު ރިޕޯޓަކީ ސިއްރު އެއްޗެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް އެ ރިޕޯޓު މަޖިލީހުން އާއްމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ކޮމިޓީއަށް ހިއްސާކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެ ސިއްރު ރިޕޯޓު މަޖިލީހުގެ މެންބަރުންނާއިވެސް ހިއްސާކުރަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭސީސީން މިރޭ ބުނީ މަޖިލީހަށް ހިއްސާކުރި ރިޕޯޓުގައި “ސިއްރު” ޖެހުމަށްފަހު މުއައްސަސާތަކަށް ރިޕޯޓު ފޮނުވީ އެ މައްސަލައިގައި ފާހަގަވި ކަންކަން ކޮމިޝަނުން ހާމަކުރަން ބޭނުންވާތީ ކަމަށެވެ. އަދި ބުނީ އޭސީސީން އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި ހުންނާނީ އެ ރިޕޯޓުގައިވެސް ހުރި މުހިއްމު ބައިތައް ކަމަށެވެ.

މަޖިލީހުން މި ރިޕޯޓު މިހާރު ވަނީ މެންބަރުންނަށް ވެސް ހިއްސާ ކޮށްފައެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށާއި ގައުމަށް އެންމެ ލުއިގޮތެއް ހޯދައިދޭން ކަމަށެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީންވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.