ޓާމިނަލް މައްސަލާގައި މަޖިލީހަށް ދިނީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ

އޭސީސީގެ މެންބަރުން ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

މައްސަލަ ބޮޑުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ސީޕްލޭން ޓާމިނަލްއާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރި ރިޕޯޓު މަޖިލީހުގެ ރައީސަށް ހިއްސާ ކުރި ނަމަވެސް އެއީ ސިއްރު ރިޕޯޓެއް ނޫން ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނީ މަޖިލީހަށް ހިއްސާކުރި ރިޕޯޓުގައި "ސިއްރު" ޖެހުމަށްފަހު މުއައްސަސާތަކަށް ރިޕޯޓު ފޮނުވީ އެ މައްސަލައިގައި ފާހަގަވި ކަންކަން ކޮމިޝަނުން ހާމަކުރަން ބޭނުންވާތީ ކަމަށެވެ. އަދި ބުނީ އޭސީސީން އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި ހުންނާނީ އެ ރިޕޯޓުގައިވެސް ހުރި މުހިއްމު ބައިތައް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ކޮމިޓީއަށް ހިއްސާކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެ ސިއްރު ރިޕޯޓު މަޖިލީހުގެ މެންބަރުންނާއިވެސް ހިއްސާކުރަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށާއި ގައުމަށް އެންމެ ލުއިގޮތެއް ހޯދައިދޭން ކަމަށެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީންވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *