ގައުމު ކުޑަޔަސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ކުޑައެއް ނޫން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް

ޤައުމު ކުޑަޔަސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ކުޑައެއް ނޫންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ [ކޮމާންޑަރސް ކޮންފަރެންސް 2020] އިފްތިތާޙު ކުރެއްވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ސޯލިހް ވިދާޅުވީ، ޤައުމު ކުޑަވެ މީސްކޮޅު މަދުވިޔަސް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ދިވެހި ޤައުމު މިއަދު ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ކުޑައެއް ނޫން ކަމަށެވެ.

އެއްފަރާތުން ބައިނަލްއަޤްވާމީ ޓެރަރިޒަމްގެ މައްސަލައާއި ކުރިމަތިވެފައިވާއިރު، އަނެއްފަރާތުން ހަރުކަށި ފިކުރުތަކާއި އެހެނިހެން ފިކުރީ އޮއިވަރުތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ދަނީ ސުންނާފަތިވަމުންކަމަށާއި، އުދައަރައި ހޭޅިފަށާއެކު ރަށްތައް އެދަނީ ގިރަމުން ކަމަށެވެ. އަދި ފެތުރެމުންދާ ނުރައްކާތެރި ވަބާތަކާއި ބަލިމަޑުކަމުގެ ސަބަބުން، އިޤްތިޞާދަށް ލޮޅުން އަރަމުންދާއިރު، ދުނިޔޭގެ އެހެން ޤައުމުތަކާ ކިތަންމެ ދުރުގައި އޮތަސް، މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންކަމަށާއި، ދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދިވެހި ސިފައިން މިހާރުވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، މިމަހާސިންތާގައި ބައިވެރިވާ ކޮމާންޑަރުންގެ ފަރާތުންވެސް އެދެނީ، މިކަންކަމުގެ މައްޗަށް މަޝްވަރާތައް ބިނާކުރައްވައިގެން، އެފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުން ކަމަށެވެ.

އަދި ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސްވަނީ އަރުވާފައެވެ. ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތައް ގުޅިގެން، މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިކަމަށާއި، މި މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔަކީ، އެމް.އެން.ޑީ.އެފް. ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ގުޅިފައިވާ ޢަމަލީ ފަލްސަފާއެއްގެ ތެރެއިން، މިކަންކަން ލީޑްކުރުމުގެ ޒިންމާ އެމް.އެން.ޑީ.އެފުން އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.