އެންމެ އިސް ސިޔާސަތަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށާއި، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުންކަމުގައި ރައީސްއ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ "ކޮމާންޑަރސް ކޮންފަރެންސް 2020" އިފްތިތާޙުކޮށްދެއްވުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުންދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭއްވާކަމުގައި ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިންކަމުގައެވެ. އެހެންކަމުން ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަކީ، މެދުކެނޑުމެއް ނެތި އަބަދު ކުރަންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާ، އެ މަޤްޞަދުގައި ސިފައިންގެ ހުރިހާ ކޮމާންޑަރުން އެއްތަންކޮށް، މިފަދަ މަހާސިންތާއެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި އުފާކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މަހާސިންތާއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން، މަހާސިންތާގެ ބައިވެރިންގެ ފަރާތުން އެމަނކިކުފާނު ވަނީ މި މަހާސިންތާގައި ހުށަހެޅިގެންދާ ދިރާސާ ކަރުދާސްތަކާ މެދު މަޝްވަރާކުރައްވާއިރު، ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ނެގެހެއްޓޭނެ ފަދަ ނިންމެވުންތަކަކަށް އަމާޒު ހިފުމަށާއި، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތަކަށާއި، ބައިނަލްއަޤްވާމީ މަޝްރަހުގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުމަށް އެދިވަޑައިގެންފައެވެ.

އަދި ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި، މިހާރު އަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުންކަމަށާއި، މިމުހިންމު ބަދަލާއެކު، ކޮމާންޑަރުންގެ ވިސްނުންވެސް އެމިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސްވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި ސިފައިންގެ ޚިދުމަތަކީ، އިނާމަކުން މުދަލާއި ފައިސާއިން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫންކަމުގައި ވިދާޅުވެ ސިފައިންވަމުންދާ ޤުރުބާނީއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *