މަތީ ތައުލީމަށް 550 ފުރުސަތު ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މުހައްމަދު ހުސެއިން / ފޮޓޯ: ހަތާވީސް

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ހާސިލްކުރުމަށް 550 ލޯނުގެ ފުރުސަތު ހުޅުވައި، ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކަން އިއުލާންކޮށްފައިވަނީ މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ހަސަން (ޗަބީ) އެވެ.

މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯނަށް މިހާރު ކިޔަވަމުންދާ ކުދިންނާއި އަލަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ވެސް ސްޓޫޑެންޓް ލޯނަށް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި ސްޓޫޑެންޓް ލޯން ދޭނެ ދަރިވަރުން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންކަމާއި ލޯނު އަނބުރާ ދެއްކުމާއި، ލޯނު ބޭނުންކޮށްގެން ކިޔަވައި ނިންމަވާ ދަރިވަރުން ހިދުމަތް ކުރުމުގެ އުސޫލުތައްވެސް އާންމުކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ލޯނު ދޫކުރުމުގައި ބަލާނީ މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ދަރިވަރަކަށް ޝަރުތު ހަމަވާނަމަ ލޯނުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ލޯނަށް 550 ފުރުސަތު ހުޅުވާލިއިރު ޑިޕްލޮމާ ލެވެލްއަށް ދީފައިވަނީ 45 ފުރުސަތެވެ. ލައިސަންސް ޕްރޮގްރާމްތަކަށް 30 ފުރުސަތު ދީފައިވާއިރު
ފުރަތަމަ ޑިގްރީއަށް 252 ފުރުސަތު ވަނީ ދީފައެވެ. މާސްޓާސްއަށް 126 ފުރުސަތު ދީފައިވާއިރު ޕީއެޗްޑީއަށް 10 ފުރުސަތު އަދި އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް 87 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.

ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ނުވަ ވަނަ ދުވަހުގެ 1:30 އާ ހަަމައަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.