ބިލެއްގެ ފުރަތަމަ ކިޔުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބަލައިގެން ނުވާނެ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނަޝީދު --

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަކީ އެއީ އެ ބިލެއްގެ އެންމެ ފަހުގެ ނިންމުން ކަމަށް އެއްވެސް ރައްޔިތަކު ބަލައިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން ކިޔާއިރު އެބިލެއް އެއޮންނަނީ ހުށަހެޅުނު ގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ ވާޖިބަކަށްވަނީ އެ ހުށަހެޅުނު ގޮތާއި ގުޅޭގޮތުން ބަހުސްކުރެވި ބެލި މުތާލިއާ ކުރެވި މަޝްވަރާކުރެވި އެގެނެވޭ އިސްލާހަކާއެކީގައި ބިލެއް ފާސްކުރުމަށްފަހު ގެޒެޓްކުރުމަށް ފޮނުވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެގޮތުގެ މަތިން މިހާރު މަޖިލީހަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅާފައިވާ ބިލު މަޖިލީހުން ފާސްކުރާނީ ހިޔާލުތަކާއި އެކުގައި ކަމަށެވެ. މެންބަރުންގެ މަޝްވަރާތަކާއި އެކުގައި ކަމަށެވެ.

"ވަޒީފާގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ހުށަހަޅާފައި އެބަވޭ. ސަރުކާރުން ހުށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށް. އެ މެމްބަރު އެ ހުށަހަޅުއްވަނީ ސަރުކާރުން އެ ބިލު މިތަނަށް ހުށަހަޅަން ބޭނުންވާ ގޮތަށް. މިތަނުން މި ފާސްކުރަނީ މެމްބަރުން އެކަމާ މަޝްވަރާ ކުރައްވާފައި، ބަހުސް ކުރައްވާފައި އަދި ހިޔާލު ހޯއްދަވާފައި، މުޅި ރާއްޖޭގެ ހުރިހާ ކަންކަމަކަށް ވިސްނަވާފައި، އެކަމުގައި އޮންނަ އެންމެ ރަނގަޅަކަށް" ނަޝީދު ވިދާޅުވިއެވެ.

ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *