ކޮރަޕްޝަނަށް މަގުފައިހިވާ ގޮތައް ޓާމިނަލް ދޭން އުޅުނީ މި ސަރުކާރަކުން ނޫން، ކުރީ ސަރުކާރުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށާއި ގައުމަށް އެންމެ ލުއިގޮތެއް ހޯދައިދޭން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ކޮމިޓީއަށް ހިއްސާކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީންވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

އެހެނަސް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވަނީ ޓީއެމްއޭ އިން އެ ބުނާ ސިޓީއަށް ބާރުލިބޭ އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއްވެސް އަދި ރިޒޮލިއުޝަނެއްވެސް ނެތް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.