ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން މުވައްޒަފުންނާއި މެދު ދެކޭ ގޮތް!

އާދަމް ޝަރީފް އުމަރު/ ފޮޓޯ: މިހާރު

ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުން އެނގިގެންދިޔައީ މި ސަރުކާރުން މުވައްޒަފުންނާމެދު ދެކޭ ގޮތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން، ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް ބަދަލުކޮށް ސަލާމް ބުނާ ދުވަހަށް ޑޮކްޓަރު ސެޓްފިކެޓު ގެންނަންޖެހޭ ގޮތަށް އިސްލާހު ހުށަހެޅުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދިޔަޔަސް ސަރުކާރުން ބޭނުންވާ ގޮތް ރައްޔިތުންނަށް މިހާރު އިނގޭ ކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ ކީއްވެގެން ކަން ވެސް ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ އިސްލާހު އެކުލާވާލީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ބެލުމުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން ނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެކަމާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި މެންބަރު އީސައާ ގުޅުމެއް ނެތް ކަމެއް ކަމަށެވެ. އަދި އެފަދަ އިސްލާހެއް ހުށަހަޅަން ނިންމެވީ، އެކަމާއި ގުޅޭ ގިނަ ކަންކަމަށް ހައްލު އޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެބިލާއި މެދު އިތުރަށް ވިސްނަމުންދާކަމަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަދަލު ގެންނާނެކަމަށާއި، އަދި އެއަށް ވުރެން ރަނގަޅު ބަދަލެއް މި އިސްލާހަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *