ޕްރޮބޭޝަން 6 މަހަށް އިތުރުކުރާ ބިލު އެކުލަވާލީ އިކޮނޮމިކް މިނިސްޓްރީން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް-

ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް ބަދަލުކޮށް ސަލާމް ބުނާ ދުވަހަށް ޑޮކްޓަރު ސެޓްފިކެޓު ގެންނަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް އެކުލާވާލީ އިކޮނޮމިކް މިނިސްޓްރީންކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބިލު އެކުލަވާލީ އިކޮނޮމިކް މިނިސްޓްރީން އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެކަމާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި މެންބަރު އީސައާ ގުޅުމެއް ނެތް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެފަދަ އިސްލާހެއް ހުށަހަޅަން ނިންމެވީ، އެކަމާއި ގުޅޭ ގިނަ ކަންކަމަށް ހައްލު އޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

 

 

ރައްޔިތުންގެ މަޖިލީހަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި މެދު އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެބިލާއި މެދު އިތުރަށް ވިސްނަމުންދާކަމަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަދަލު ގެންނާނެކަމަށާއި، އަދި އެއަށް ވުރެން ރަނގަޅު ބަދަލެއް މި އިސްލާހަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *