ޕާކިސްތާނުން ޗައިނާއަށް ގެންދިޔަ މުސްލިމު ދަރިވަރުން ވީނުވީއެއް ނޭގި ގެއްލިއްޖެ

ޕާކިސްތާނުގެ ކިޔަވާ ކުދިންތަކެއް/ ފޮޓޯ: ގޫގުލް

ޕާކިސްތާނުން ސީރިޔާމީހުންނާއި ބަރުމާ މުސްލިމުންނާއި ކަޝްމީރުގެ މުސްލިމުންނާއި ފަލަސްތީނު މީހުންގެ ހާލަތާމެދު ހަމްދަރްދީވެ ލައްކަ ވާހަކަ ދައްކައި ހަދާތަން ފެނެއެވެ. އެހެންނަމަވެސް ޕާކިސްތާނުން އުރިގޫރު މުސްލިމުންގެ ނިކަމެތި ހާލަތާމެދު އެއްޗެއް ބުނާތަނެއް ނުފެނެއެވެ. ޗައިނާއާއި ޕާކިސްތާންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު މިވާހަކަ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ.

މިމޭރުމުން މިވާހަކަ ސަމާލުކަމަށް އައިސްފައިވަނީ ޕާކިސްތާންގައި ކިޔަވަމުންދިޔަ ޗައިނާގެ މުސްލިމު ދަރިވަރަކު ނުވަތަ ދަރިވަރުންތަކެއް އެނބުރި ޗައިނާއަށް ދިއުމަށްފަހު އޭނާ ގެއްލުމާ ގުޅިގެންނެވެ. އިތުބާރު ހުރި ފަރާތްތަކުން ބުނާ ގޮތުގައި އިސްލާމްއާބާދުގައި ހުންނަ ޗައިނާ އެމްބަސީން ދަނީ ޕާކިސްތާންގައި ކިޔަވާ ޗައިނާ ކުދިންނަށް ފާރަލަމުންނަނަވެ. ވަކިން ޚާއްސަ ގޮތެއްގައި ޗައިނާގެ މުސްލިމު ކުދިންނަށެވެ.

ޗައިނާގެ މުސްލިމު ދަރިކޮޅުގެ މީހުން ދިރިއުޅޭ ހިސާބުތަކަކީ، ޗައިނާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ޕްރޮގްރާމުތައް ހިންގާ ސަރަހައްދުތައް ކަމަށް ނަން ކިޔޭ ސަރަހައްދުތަކެކެވެ. ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާންގައި ކިޔަވާ ޗައިނާގެ 400 އެއްހާ މުސްލިމު ދަރިވަރުން ވަނީ އެމީހުންގެ މަޢްލޫމާތު ސަރުކާރާ އެމީހުންގެ ނުރުހުމުގައި ހިއްސާ ކޮށްފައެވެ.

ޗައިނާއިން އެގައުމުގެ މުސްލިމު ކިޔަވާ ކުދިންނަށް އަމާޒުކުރަނީ ހަމައެކަނި ޕާކިސްތާންގަ އެކަންޏެއް ނޫނެނެވެ. މިސްރާއި ސައޫދީ އަރަބިއްޔާގައި ހުންނަ ޗައިނާ އެމްބަސީންވެސް ދަނީ މުސްލިމު ޗައިނާ ކުދިންނާ ބެހޭ މަޢްލޫމާތު ހޯދަމުންނެވެ. އަދި ޗައިނާ އެމްބަސީން ހޯދާ މުސްލިމު ދަރިވަރުންގެ މަޢްލޫމާތަށްފަހު އެމީހުން އަނބުރާ ގައުމަށް ގެންދެވި އެއަށްފަހު އެމީހުންގެ ވާނުވާ ނޭނގޭ ކިތަންމެ ކުދިންނެއް ވާކަމަށްވެސް ބުނެވެއެވެ. މިކަމުގެ ހަބަރުދަބަރު ދަންނަ މީހުން ބުނާ ގޮތުގައި ޗައިނާ އެމްބަސީތަކުން ހޯދާ މަޢްލޫމާތު ސަލާމަތީ އިދާރާތަކަށް ހިއްސާ ކުރެވެއެވެ.

ޕާކިސްތާންގައި ކިޔަވަން ތިބޭ ޗައިނާ މުސްލިމު ކުދިންނާ ބެހޭ ގޮތުން އެނގެނީ، މިކުދިންނަކީ ޕާކިސްތާންގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވާ ކުދިން ކަމަށެވެ. އަދި އެމްބަސީން މިކުދިންގެ މަޢްލޫމާތު އެއްކޮށްފައިވާ ކަމަށެވެ. މިއީ ނިންގްޝިއާ، ޝިންޖިއާންގ، ޗިންހާއި، ހެނާން އަދި ޔުއްނާން ޕްރޮވިންސްގެ ކުދިން ކަމުގައެވެ. މިއިން ބައެއް ކުދިންނަކީ އިސްލާމިކް ފިލޯސޮފީއާއި އިސްލާމިކް ހިސްޓްރީ އާއި، އަރަބި ބަހާއި އިކޮނޮމިކްސް އަދި އެޑިއުކޭޝަންގެ ދާއިރާއިން ކިޔަވާ ކުދިންނެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ޗައިނާ ކުދިން ރަޖިސްޓަރ ކުރުމަށް ވަކި މަސްއޫލުވެރިއަކު ހަމަޖައްސާފައި ވެއެވެ. ނަމަވެސް މި ރެޖިސްޓްރީ ކުރުމުގެ ބޭނުމަކީ ކޮބައިކަން ޔުނިވަސިޓީން ހާމައެއް ނުކުރެއެވެ.

މި މަސްއޫލުވެރިއަކީ، ހުއާންގ ހުއާއޯއެވެ. އޭނާއަކީ އިސްލާމިކް ޔުނިވަރސިޓީގެ ޗައިނާ ދަރިވަރުންގެ ޖަމުއިއްޔާގެ ނާއިބް ރައީސެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި 700 ނުވަތަ 800 އެއްހާ ކުދިން ވަނީ ޗައިނާ އެމްބަސީގައި ރަޖިސްޓްރީ ކޮށްފައެވެ. އެކަމަކު މިހުރިހައި ކަމެއްގެ ކުރިންވެސް މިކުދިން ވަނީ އެމީހުން ޕާކިސްތާންގައި ތިބިކަމަށް ޗައިނާ އެމްބަސީއަށް މަޢްލޫމާތު ދީފައެވެ.

ޖެނުއަރީ މަހު މިކުދިންގެ ތެރޭން ބަޔަކު ނަން ހާމަނުކުރުމަށް އެދި މީޑިއާއަށް މަޢްލޫމާތު ދީފައިވާ ގޮތުގައި މިކުދިންގެ ޕާސްޕޯޓްގެ ތަފްސީލްތަކާއި ވީޗެޓް އައިޑީއާއި ފޯން ނަންބަރާއި ޗައިނާއާއި ޕާކިސްތާންގައި މިކުދިންގެ އެޑްރެހާއި ކިޔަވާ މައިގަނޑު ދާއިރާއާ ބެހޭ މަޢްލޫމާތު ދިނުމަށް އެދިފައި ވެއެވެ. މިކަން އެމްބަސީއަށް ކޮށްދީފައިވަނީ ކިޔަވާ ކުދިންގެ ޖަމުއިއްޔާއިންނެނެވެ. އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވާ ކުދިން އެތަން އިޚުތިޔާރުކޮށްފައިވަނީ އެމީހުންގެ ގާތް ތިމާގެ މީހަކު ނުވަތަ ދަންނަ މީހަކު އެތާގައި ކިޔަވާފައި ހުރުމުންނެނެވެ.

މިކުދިންނަކީ އެމީހުންގެ ދިރިއުޅޭ ވެއްޓަށް ފެތޭގޮތަށް މުސްލިމު ނަންތައް އިޚުތިޔާރުކޮށްގެން އުޅޭ ކުދިންނެވެ. ހުޅަނގުގައި އުޅޭ ޗައިނާ މީހުންނަކީ ހުޅަނގުގެ ނަންތައް އަމިއްލަ ކޮށްގެން އުޅޭ ބައެކެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވާ ޗައިނާ މުސްލިމު ކުދިންގެ ވީޗެޓް ގްރޫޕެއްގައި ކޮށްފައިވާ ޕޯސްޓެއް ބުނާ ގޮތުން ޗައިނާގެ އައު އަހަރުގެ ފަހުން ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ތަފްސީލް އެމްބަސީއަށް ހުށަހެޅުމަށް ރެޖިސްޓްރީ ފޯމް ފުރަން ޖެހޭނެއެވެ. އަދި މިކަމާ ދެކޮޅު ހަދައިފި ކުއްޖެއްގެ ގްރެޖުއޭޝަން ސެޓިފިކެޓް ޗައިނާ އެމްބަސީން ނިންމައެއް ނުދޭނެއެވެ. މި ރަޖިސްޓްރީ ފޯމްގައި އިންޒާރެއްވެސް ލިޔެފައި އޮތެވެ. އޭގައި ވަނީ އެއްވެސް މަޢްލޫމާތެއް ސިއްރުކޮށްފިނަމަ އެކަމެއްގެ ޒިންމާ ނަގަންވާނީ އެމީހަކު އަމިއްލައަށް ކަމަށެވެ.

ޗައިނާއިން ކިޔަވާކުދިންގެ މަޢުލޫމާތު ހޯދައި އެކުދިންގެ ބޯކޮޅު ބަލާ މިންވަރު ހާމަވާނީ، އެމެރިކާގެ މުހައްލިލު، މާޖޫ ހާމަކޮށްފައިވާ މިމަޢުލޫމާތުތަކުންނެވެ.

އޭނާ ރިޕޯޓްކޮށްފައިވާ ގޮތުގައި 2016 ވަނަ އަހަރުވެސް ސައޫދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ ޗައިނާ ކިޔަވާ ކުދިންގެ މަޢްލޫމާތު ޗައިނާއިން އެއްކޮށްފައި ވެއެވެ. 2017 ވަނަ އަހަރު ޗައިނާގެ ޕަބްލިކް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ މިނިސްޓަރ ވަނީ ގާހިރާއަށް ޒިޔާރަތް ކޮށްފައެވެ. އަދި މިސްރުގެ އަސްކަރީ ސަރުކާރުގެ އެހީއާއެކު އެއިރު ޗައިނާ މުސްލިމު ދަރިވަރުންގެ 75 ކުއްޖަކު ހައްޔަރު ކުރިއެވެ. މިއިން 52 ކުއްޖަކު އަނބުރާ ޗައިނާއަށް ފޮނުވާލިއެވެ. މި ހާދިސާއަށްފަހު ޗައިނާ ކިޔަވާކުދިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެއްޓިއެވެ. އަދި އެކުދިންގެ މަޢްލޫމާތު ޗައިނާ ސަރުކާރާއެކު ޙިއްސާ ކުރެވުނެވެ. މިއިން ބައެއް ކުދިން ފުލުސް އޮފީހަށް ޒިޔާރަތް ކުރުމަށް އަނގައިގެން އެތަނަށް ދިޔަފަހުން ވީނުވީއެއް ނޭނގިފައި ވެއެވެ. އަދި އޭގެ ފަހުން އުރުދުންގައި ކިޔަވާ ޗައިނާ މުސްލިމު ކުދިންގެ މަޢްލޫމާތުވެސް ޗައިނާ އެމްބަސީން އެއްކުރަން ފެށިއެވެ.

މިކަމުގައި އެންމެ ހައިރާން ކުރަނިވި ކަމަކީ، އިސްލާމިކް ޔުނިވަރސިޓީއަކީ ޗައިނާ ކުދިންނަށް ރަނގަޅުތަކެއްކަމަށް ޗައިނާއިން ނިންމުމަށްފަހު މިފަދަ ކަންކަން އެތާގައި ކިޔަވާ ކުދިންނާ މެދު ހިނގާތީއެވެ. ޗައިނާގެ އެމްބަސީގެ އިސްމަސްއޫލުވެރިއަކު އިސްލާމިކް ޔުނިވަރސިޓީގައި ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ އިސްލާމިކް ޔުނިވަރސިޓީއަކީ ހުރިހައި ސަގާފަތަކާ ރަހުމަތްތެރި ސަގާފީ ދަންމަރެއް ކަމުގައެވެ 1980އިން ފެށިގެން ޗައިނާއިން ވަނީ ޝިންޖިއާންގ ގެ މުސްލިމުންނާއި އެހެން ޕްރޮވިންސްތަކުގެ މުސްލިމުން ޕާކިސްތާންގައި ދީން ކިޔެވުމަށް ހުއްދަ ދީފައެވެ. ބައެއް ކުދިން މަދަރްސާތަކުގައިވެސް ކިޔަވައެވެ.

ޝިންޖިއާން ސަރަހައްދުން ކިޔަވާ ކުދިން ޕާކިސްތާނަށް ކިޔަވަން އައިސްފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ފަހުން އަމިއްލަ ގޮތުންވެސް ކުދިން ކިޔަވަން އައިސްފަ އެބަހުއްޓެވެ. މިއިން ނިކުމެފައިވަނީ މައްސުނި ނަތީޖާއެކެވެ. ޝިންޖިއާންގ އިން އައިސް ޕާކިސްތާންގައި ދީން ކިޔެވި ކުދިން އެނބުރި ގައުމަށް ގޮސް ފަތުރާފައިވަނީ ޕާކިސްތާންގެ މަދަރްސާ ބްރޭންޑްގެ އިސްލާމީ ފިކުރެވެ. ފަހުން ޕާކިސްތާންގައި ދީންކިޔަވަން ޝިންޖިއާންގއިން އައި ކުދިންގެ އަދަދު މަދުވިއެވެ. ނަމަވެސް އިސްލާމްއާބާދާއި އެހެން ތަންތާނގައި ކިޔަވާކުދިން މަދުމަދުން އުޅެއެވެ. އަދި ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ސަބަބުންވެސް ޕާކިސްތާނަށް ޗައިނާއިން އަންނަ މީހުންގެ ދަތުރުފަތުރު ތިޔާގި ވެފައި ވެއެވެ.

މިހުރިހައި ވާހަކައެއްގައި އެންމެ ހިތާމަހުރިކަމަކީ، ޗައިނާއަށް އަނބުރައި ގެންދިޔަ ކިޔަވާކުދިންގެ ތެރޭން ބައެއް ކުދިންގެ ވީނުވީއެއް ނޭނގިފައިވާ ކަމެވެ. އާއިލާއާއި ރައްޓެހިންނަށްވެސް އެކުދިންގެ ވީނުވީއެއް ނޭނގެއެވެ. ސަރުކާރުން މި ކުދިން ފޮރުވާފައިވަނީ ކޮންތާކުކަން އެކަކަށްވެސް ނޭނގެއެވެ. ބައެއް މީހުން ލަފާ ކުރާ ގޮތުގައި ސަރުކާރުން ވަނީ މިބައި މީހުންގެ ސިކުނޑި ދޮވެލުމަށް ސަރުކާރުން ހިންގާ ކޭމްޕްތަކުގައި ބަންދުކޮށްފައެވެ. ޝިންޖިއާންގ ސަރަހައްދުގައި މިފަދަ އެތައް ކޭމްޕެއް ސަރުކާރުން ހަދައި ބަލަހައްޓަމުން ގެންދެއެވެ. ނިއުޔޯރކް ޓައިމްސްގައި ރިޕޯޓްކޮށް ލީކްކޮށްފައިވާ މަޢްލޫމާތުން އެނގޭގޮތުގައި މިކުދިން ޕާކިސްތާންގައި ބައިތިއްބައިފިނަމަ ހައްދުހަނައަޅައި ހިނގައިދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

މިކަމުގެ ބޮޑު މަންޒަރަކީ ޗައިނާގެ އެތެރޭގައި ހިނގާ ކޮންމެ ކަމަކަށްވެސް މިހާރު ޗައިނާއިން ބިރުހީވެފައި ވާކަމެވެ. ހޮންގ ކޮންގ ގައި މެދު ނުކެޑި ކުރިއަށްދާ މުޒާހަރާތަކުންވެސް ޗައިނާއިން ހިތް ބިރު ނުގަނެ ނުދާނެތާއެވެ!

މިވެސް ޗައިނާއިން ސޮއްސާލައިގެން ހިނގައިދާނެފަދަ ތަނެއްހެންވެސް ބައެއްފަހަރު ހީވެއެވެ. ޗައިނާއިން ކިޔަވާ ކުދިންނާ ބެހި އެމީހުނަށް އުނދަގޫ ކުރާ މައްސަލައަކީ ބައިނަލްއަގްވާމީ ފެންވަރުގައި ނަގަން ޖެހޭ ބޮޑު މައްސަލައެކެވެ. މިވާހަކަ ދައްކަން ވާނީ އުރިގޫރު މުސްލިމުންނާމެދު ޗައިނާއިން ހިންގާ ނޭއްގާނި ކަންކަމާ ގުޅުވައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *