ޕްރޮބޭޝަން ހަމަހަށް އިތުރުކޮށް ސަލާމް ބުނާ ދުވަހަށް އެމްސީ ހުށަހަޅަންޖެހޭ ގޮތާއި މެދު އިތުރަށް ވިސްނަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް-

ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް ބަދަލުކޮށް ސަލާމް ބުނާ ދުވަހަށް ޑޮކްޓަރު ސެޓްފިކެޓު ގެންނަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި މެދު އާއްމުންގެ ކަންބޮޑުވުން ހުރުމުން އެކަމާއި މެދު އިތުރަށް ވިސްނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިކޮނިމިކް މިނިސްޓަރު ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު އާންމުންގެ ކަންބޮޑުވުންތައް ހުރުމުން އެކަމާއި މެދު އިތުރަށް ވިސްނަމުންދާ ކަމަށާއި، އެގޮތުން މިއަދު ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ހެލްތް ޕޮރޮފެޝަނަލް ޔޫނިއަން އާއި ބައްދަލުކޮށް އެފަރާތުގެ ކަންބޮޑުވުންތައްވެސް މިނިސްޓަރާއި ހިއްސާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް ބަދަލުކޮށް ސަލާމް ބުނާ ދުވަހަށް ޑޮކްޓަރު ސެޓްފިކެޓު ގެންނަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަދަލު ގެންނާނެކަމަށާއި، އަދި އެއަށް ވުރެން ރަނގަޅު ބަދަލެއް މި އިސްލާހަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.