ދުލުން ނިކުތް ހުތުރު ބަސްތަކާއި އެކު ރައްޔިތުންގެ އިތުބާރު އަލީ ވަހީދަށް ގެއްލިއްޖެ!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --

ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަލީ ވަހީދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވުމުންވެސް ގިނަ ބަޔަކު އަލީ ވަހީދަށް އެ މަގާމު އަދާ ކުރެވިދާނެތޯ ސުވާލު އުފެއްދިއެވެ. ނަމަވެސް އަލީ ވަހީދު މީހުންގެ އެ ފާޑުކިއުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު މަސައްކަތައިގެ ކުރިޔަށް ދިޔައީއެވެ. އިސާހިތަކު ފަތުރުވެރިކަމުގެ ސިނާއަތުގައި ތިބި އެތައް ބައެއްގެ ލޯތްބާއި އިތުބާރު އަލީ ވަހީދަށް ލިބުނެވެ.

ޒުވާން އުމުރުގައި ޓޫރިޒަމް މިނިސްޓަރަކަށް ވަޑައިގެންނެވި އަލީ ވަހީދުގެ ހީވާގި ވާހަކައާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެ އާދައިގެ މުވައްޒަފު މީހާއާ ވެސް ބައްދަލު ކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވެ ދެއްކެވި ވާހަކަފުޅުތައް ވެގެން ދިޔައީ އެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ލިބިގެން ދިޔަ ހިތްވަރަކަށެވެ. ރިސޯޓުތަކުގައި މުވައްޒަފުން ގެންގުޅެމުން އަންނަ ގޮތާއި މުސާރައާ ސާވިސް ޗާޖުގެ ކަންކަން ހައްލުވެގެން ދާނެ ކަމަށް މުވައްޒަފުން ތިބީ ހީކޮށްގެންނެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާވިސް ޗާޖާއި ގުޅިގެން އަލީ ވަހީދު ދެއްކެވި ވާހަކައަކާއި ގުޅިގެން އަލީ ވަހީދު ހޫނު ފެނަށް ވެއްޓުނެވެ. ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކާއި އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަލީ ވަހީދުގެ ދިފާއުގައި ތެދުވުމުން އަލީ ވަހީދުގެ ގިރުވާން ކޮޅަށް އަނެއްކާވެސް ޖެހުނެވެ. އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބައިންނާއި އާއްމު ރައްޔިތުންގެ ކިބައިން ސާވިސް ޗާޖާއި ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް އަލީ ވަހީދު މައާފަށް އެދިވަޑައިގަތެވެ.

އެކަމުން އަލީ ވަހީދު އަރައިގަނެ މީޑިއާތަކާއި ވެސް ގުޅުން ބަދަހި ކުރަމުން ދަނިކޮށް ދުނިޔޭގައި ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެން ފެށިއެވެ. އަދި ދިވެހި ސަރުކާރުންވެސް އެކަމުގެ ސަމާލުކަމަށް އައިސް ކޮންމެ ދުވަހަކާއި ކޮންމެ ރެއަކު އެކަމުގެ މަޝްވަރާތައް ކުރަމުން ދިޔައެވެ. އެ ދުވަސްވަރު ހެލްތު މިނިސްޓަރު އަމީންގެ ބޮލުން "ދުން" އަރަމުން ދިޔައިރު އަމީންއާއެކުގައި މަސައްކަތް ކުރާ ޓިމުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ރެއާ ދުވާލު މި ދެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ކޮރޯނާ ވައިރަސް ރާއްޖެ އައުމާއ ދެކޮލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައެވެ. މި މަސައްކަތާއި އެކު އަލީ ވަހީދުގެ އަގު އިތުރަށް އަރައިގެން ދިޔައެވެ.

ނަމަވެސް އަރައިގެން ދިޔަހާ ބާރު މިނުގައި އަލީ ވަހީދުގެ އަގު އާއްމުންގެ ކުރިމަތީގައި ވެއްޓިގެން ދިޔައީވެސް އެހާމެ ބާރަށެވެ. އެއީ ރޭ ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔަ އޯޑިއޯ ކްލިޕުތަކެއްގެ ސަބަބުންނެވެ. އަލީ ވަހީދުގެ ދުލުން މިނިސްޓަރުންނަށް އިޝާރާތް ކުރައްވާ ވިދާޅުވި ހުތުރު ބަސްތަކުން އާއްމު ރައްޔިތުން އަލީ ވަހީދަށް "ވައްސަލާމް" ކިޔައިފިއެވެ.

މިހާތަނަށް ހަތަރު އޯޑިއޯއެއް ލީކްވެފައިވާއިރު މި އޯޑިއޯތަކުގައި އަލީ ވަހީދު ވާހަކަދައްކަވަމުން ގެންދެވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އާއެވެ. އެންމެ ފުރަތަމަ ލީކުވި އޯޑިއޯގައި އަލީ ވަހީދު ހުތުރުބަހުން ވާހަކަދެއްކެވީ ހެލްތު މިނިސްޓަރު އަމީނަށް އިޝާރާތް ކުރައްވައެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއިރު ވެސް އަމީން ބެއްލެވީ މީޑިއާ ސްޓަންޓްތަކުން މަޝްހޫރުވެ، ކްރެޑިޓް ނެންގެވޭތޯ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ވެސް އަލީ ވަހީދު ގުޅުއްވިއެވެ. ނަހުލާއަށް ގުޅުއްވާ އޭނާ ވިދާޅުވީ ގުޅާލީ "މިސް"ވެގެން ކަމަށެވެ. ރައްދުގައި ނުހަލާ ވިދާޅުވަނީ "މިއަދު އިރުއެރީ ކޮން ކޮޅަކުންތޯ"އެވެ. އަދި އެއަށްފަހު ނަހުލާއަށްވެސް ބޭ އަދަބީކޮށް އަލީ ވަހީދު ވާހަކަދައްކަވާފައިވެއެވެ. ނަހުލާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނެވެ. އަލީ ވަހީދަކީ އެޕާޓީގެ ރައީސްއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބޭފުޅުން އަލީ ވަހީދުގެ ދިފާއުގައި ނިކުންނަވާ އެފަދައިން ކަންކަން ކުރަމުން ގެންދަނީ ހަޖަމު ނުވެގެން ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.

އަދި ހުދު އަލީ ވަހީދުވެސް ވަނީ އެ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސައްހަ ނުވާ ސަބަބެއް އަލީ ވަހީދަށް އޮޅުން ފިލުވައި ދެވިފައެއް ނުވެއެވެ. ކޮންމެއަކަސް އެ އޯޑިއޯއަކީ ސައްހަ އޯޑިއޯއަކަށް ނުވި ނަމަވެސް ރައްޔިތުން ކުރިމަތީ އަލީ ވަހީދު ދައްކަވާ އެއްވެސް ވާހަކައެއްވެސް މީގެފަހުން ސައްހަ ނުވާވަރަށް އިތުބާރު ގެއްލިއްޖެއެވެ.

Leave a Reply

Your email address will not be published. Required fields are marked *