ވަޒީފާ ޕްރޮބޭޝަން އިތުރު ކުރުން، އަނެއްކާވެސް ނިކަމެތިންނަށް ނިކަމެތިގޮތް!

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އީސަ -- ފޮޓޯ / މަޖިލިސް

ވަޒީފާ ނުލިބި ގަނޑަތެޅޭ ޒުވާނުން މި ރާއްޖެއަކު މަދެއް ނޫނެވެ. މި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޒުވާނުން ހިއްސާ ކުރާއިރު އެންމެންވެސް ކިޔާނީ ޒުވާނުން ވަޒީފާ އަދާ ނުކުރާ ވާހަކައެވެ. ކިތަންމެ ދާ ހިތުން ވަޒީފާއަކަށް ދިޔަޔަސް ލިބެންޖެހޭ ދުވަހަށް މުސާރަ ދެނީ މަދު ތަނަކުންނެވެ. ތިންމަސް ވާއިރަށް މަސައްކަތް ރަނގަޅު ނޫނޭ ކިޔާ ވަޒީފާއިން "ބުރުވާލާނެ"އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ގިނަ މީހުން ތަޖުރިބާ ކޮށްފައި ހުރި ކަންކަމެވެ.

ތިން މަހަކީ ވަޒީފާ ދޭ ފަރާތުން ބޭނުން އެއްޗެއް ހެދެން އޮންނަ ތިން މަހެވެ. ދާއިމީ ކުރެވެން އޮންނަނީ ގާނޫނު ބުނާ ގޮތުން އެ ތިން މަހު މުވައްޒަފު ރަނގަޅަށް މަސައްކަތް ކުރާ ކަމަށްވާނަމައެވެ. ނަމަވެސް ތިންމަސް ހަމަވުމުން ވަޒީފާ ދޭ ފަރާތްތަކުން އަވަހަށް ބަލަނީ ވަޒީފާ ދިން ފަރާތް ނެރެ އެއްލާލާ އަނެއްކާވެސް އައު ތިން މަހަށް އިތުރު މީހަކު ހޯދޭތޯއެވެ. ކޮންމެއަކަސް ޕްރޮބޭޝަން މުއްދަތަކީ ވަޒީފާ އަދާ ކުރާ މީހާ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތިން މަހެވެ. މި ތިން މަހުގެ މުއްދަތުގެ ތެރޭގައި ބައެއް ވަޒީފާތަކުގައި އުޅޭ މީހުން "ގޭނި" ހުސްވެއެވެ. ނުޖައްސާކަ މަސައްކަތެއް ނޯވެއެވެ. އެހެންކަމުން ބައެއް ފަރާތްތަކުން މި މުއްދަތަކީ ކުރު މުއްދަތަކަށް ވާނެ ނަމައޭ ހިތަށް އަރައެވެ. އެހެން ހިތަށް އަރައަރާ ހުއްޓާ ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ސަރުކާރުން ހުށަހެޅި އިސްލާހަކީ މުވައްޒަފުންގެ ހިތްތައް މަރާލާ އަދި އަލަށް ވަޒީފާއަށް ނިކުންނަށް ބޭނުންވާ ޒުވާނުންނަށް ވެސް އޮތް ހުރަހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ފާޑު ކިޔަމުންނެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

އީސަގެ އިސްލާހަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައިވަނީ ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށެވެ. ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މިކަމަށް ކަންބޮޑުވުންފާޅު ކުރަމުން ސޯޝަލް މީޑިއާގައި މީހަކު ބުނީ ޕްރޮބޭޝަން މުއްދަތު އިތުރުކުރާ ކަމަށްވާނަމަ އިތުރު ކުރަންޖެހޭނީ ހަތަރު މަހަށް ކަމަށެވެ. އަދި އެއަށްވުރެ އިތުރު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓިފިކެޓް އެއް ހުށައަޅަންޖެހޭ ކަމަށާއި އެނޫން ގޮތަކަށް ސަލާމުގެ ޗުއްޓީއެއް ނުނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމުންވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިހާރު ގާނޫނުގައި މިކަން އޮންނަނީ  ޖެހިޖެހިގެން 2 ދުވަހަށް ވުރެ ގިނަ ދުވަހު ސަލާމް ބުނެފިނަމަ އެމްސީ ގެންނަން ޖެހޭގޮތަށެވެ.

" ބައްޔެއް ވާއިރަށް ޑަކްޓަރަށް ދައްކަންޖެހޭތޯ؟ ބަލިވެ އުޅެމުން ވަޒީފާއަށް ނިކުމެ މަސައްކަތް ކުރެވޭނެ ތޯ؟ މީއީ ކޮންފަދަ ތާކުންތާކު ނުޖެހޭ އިސްލާހެއް،" ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެއެވެ.

ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށް ބިލުގައި ހިމަނާފައިވާއިރު މިހާރުވެސް ހަމަސް ދުވަހުގެ ޕްރޮބޭޝަން ގާނޫނާއި ހިލާފަށް ދޭ މީހުން މަދެއް ނޫނެވެ. ގާނޫނުގައި ބުނާ ޕްރޮބޭޝަންގެ މުއްދަތު ހަމަވުމުން މަސައްކަތް އަދާކުރީ ހިތްހަމަ ޖެހޭ ގޮތަށް ނޫން ކަމަށް ވަޒީފާ ދޭ ބައެއް ފަރާތްތަކުން ބުނާނެއެވެ. މުވައްޒަފު މީހާ ރޮއްވާލުމަށްފަހު އިތުރު ތިން މަސް ބޭނުންނަމަ ލިބިދާނެ ކަމަށް ބުނާނެއެވެ. އެކަމަކު ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިއަސް ފަހުން ދޭ ތިންވަނަ މަހާއި އެކު ޖުމްލަ ހަމަސް ހޭދަ ކުރުމުންވެސް ވަޒީފާ ނުދޭ އެތައް ތަނެއް މި ރާއްޖޭގައި އެބަހުއްޓެވެ. ހުރިހާ މޮޅެއް ލިބެނީ ވަޒީފާ ދޭ ފަރާތަށެވެ. މުސާރައިގެ ގޮތުގައި ދޭނީ ކުޑަކުޑަ އެއްޗެކެވެ. ހުރިހާ ނިކަމެތި ކަމެއް އާއްމު މީހާއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *