ހަމަހަށް ޕްރޮބޭޝަން އިތުރު ކުރުމުން މުވައްޒަފުން އިތުރަށް ނިކަމެތިވާނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ފޮޓޯ / މަޖިލިސް

ރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރުކުރަން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މުވައްޒަފުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދީ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާއި ދެކޮޅު ހައްދަވާ އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށެވެ. ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.

ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ވެސް އިސްލާހުތަކެއް ގެންނަން އީސަ ހުށަހެޅުއްވިއެވެ.

އެގޮތުން މެޑިކަލް ސެޓްފިކޭޓް ނުވަތަ ސަލާމުގެ ސެޓްފިކޭތް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.