ރޭ މަރުވި މިދުހަތަކީ މަފާޒު މަރާލި ކަމުގެ ތުހުމަތު ކުރެވުނު މީހެއް!

ރޭ މަރުވި މިދުހަތު --

ރޭ ސައިކަލަކުން ޖައްސާ އެކްސިޑެންޓު ކޮށްލުމުން މަރުވި މުހައްމަދު މިދުހަތަކީ ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި މީހެއްކަން އެނގިއްޖެއެވެ.

މިދުހަތުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާވެސް ކުރިއެވެ. މަފާޒު މަރާލުމުގެ ކުރިން ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ނަމަވެސް ދައުވާ ސާބިތު ކުރުމަށްޓަކައި އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ ކްރިމިނަލް ކޯޓުން 2017ވަނަ އަހަރު މިދުހަތުގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރިއެވެ. މިދުހަތުގެ އިތުރުން، އިތުރު ދެ މީހެއްގެ މައްޗަށްވެސް ދައުވާ ކުރިއެވެ.

ފުލުހުން މިއަދު ބުނީ ރުވެފައި ވަނީ އެކްސިޑެންޓު ކޮށްލި ސައިކަލުގައި އިން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 1:45 ހާއިރު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.

އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިކަމުގެ މައުލޫމާތު ރަނގަޅަށް އެނގޭ މީހަކު “ހަތާވީހަށް” މައުލޫމާތު ދެމުން މިއަދު ބުނީ އެ ހާދިސާއަކީ ލޯބިވެރިންގެ މެދުގައި ހިނގި ހާދިސާއެއް ކަމަށެވެ. އަދި ރޭ ހިނގާދިޔަ އެކްސިޑެންޓަކީ އެއްވެސް ހާލެއްގައި ބާރަށް ސައިކަލު ދުއްވައިގެން ނުވަތަ ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓެއް ނޫން ކަމަށާއި އެއީ ގަސްތުގައި ރާވައިގެން ކުރުވި އެކްސިޑެންޓެއް ކަމަށެވެ. އަދި އެ އެކްސިޑެންޓު ކުރުވި ސައިކަލުގައި ދެ މީހަކު އިންއިރު އޭގެތެރެއިން 22 އަހަރުގެ އަންހެން މީހާއަކީ އެ އެކްސިޑެންޓުގައި މަރުވި މިދުހަތުގެ ކުރީގެ ލޯބިވެރިޔާ ކަމަށްވެސް އެމީހާ ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *