އެކްސިޑެންޓުވީއެއް ނޫން، "ލޯބީގެ" މައްސަލައެއްގައި ގަސްދުގައި އެކްސިޑެންޓު ކޮށްލީ!

މީގެ ކުރިން މާލޭގައި ހިނގައިދިޔަ އެކްސިޑެންޓެއްގެ ތެރެއިން/ ފޮޓޯ: ފުލުހުން

އެންމެ ފުރަތަމަ އަޑު އިވުނީ މާލޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމުގެ ވާހަކައެވެ. އެއީ ކޮން ސަރަހައްދެއްތޯ ބެލިއިރު އެއީ ބުރުޒުމަގު ޕީޓްރަލް ހޮޓާ ކައިރިއެވެ. ނަމަވެސް އެކަމުގެ ތަފްސީލީ މައުލޫމާތުތަކެއް ނުލިބުނެވެ.

ހަމައެކަނި ލިބުނުހާވެސް މައުލޫމާތަކީ އެކްސިޑެންޓުވި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ވާހަކައެވެ. އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންދާ ކަމުގެ ވާހަކައެވެ.

ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި އަޑު އިވިގެން ދިޔައީ އެ އެކްސިޑެންޓުގައި އަނިޔާވި 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނަކު މަރުވި ވާހަކައެވެ. އެ ވަގުތުގެ ގޮތުން އެކަމުގެ ވެސް ތަފްސީލީ މައުލޫމާތު ހޯދުމަށްވީ ދަތި ކަމަކަށެވެ. ފުލުހުންނަށްވެސް އައިޖީއެމްއެޗަށްވެސް ތަކުރާރުކޮށް ގުޅާ މެސެޖު ކުރުމުން ފޯނަށް ޖަވާބު ނުދެއްވާތީ ތަފްސީލެއް އޭރު ނޭނގުނެވެ.

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މަރުވެފައި ވަނީ އެކްސިޑެންޓު ކޮށްލި ސައިކަލުގައި އިން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 1:45 ހާއިރު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.

އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިކަމުގެ މައުލޫމާތު ރަނގަޅަށް އެނގޭ މީހަކު "ހަތާވީހަށް" މައުލޫމާތު ދެމުން މިއަދު ބުނީ އެ ހާދިސާއަކީ ލޯބިވެރިންގެ މެދުގައި ހިނގި ހާދިސާއެއް ކަމަށެވެ. އަދި ރޭ ހިނގާދިޔަ އެކްސިޑެންޓަކީ އެއްވެސް ހާލެއްގައި ބާރަށް ސައިކަލު ދުއްވައިގެން ނުވަތަ ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓެއް ނޫން ކަމަށާއި އެއީ ގަސްތުގައި ރާވައިގެން ކުރުވި އެކްސިޑެންޓެއް ކަމަށެވެ. އަދި އެ އެކްސިޑެންޓު ކުރުވި ސައިކަލުގައި ދެ މީހަކު އިންއިރު އޭގެތެރެއިން 22 އަހަރުގެ އަންހެން މީހާއަކީ އެ އެކްސިޑެންޓުގައި މަރުވި މިދުހަތުގެ ކުރީގެ ލޯބިވެރިޔާ ކަމަށްވެސް އެމީހާ ބުންޏެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *