ވެލެންޓައިންސް ޑޭއި ސައުދީގައި ފާހަގަކުރަން ހުއްދަ ދީފި

Valentines Day

ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ވެލެންޓައިންސް ޑޭ ފާހަގަކުރުމަށް އެގައުމުން ހުއްދަ ދީފިއެވެ.

ވެލެންޓައިންސް ޑޭ އަކީ ސައުދި އަރަބިއްޔާގައި އެއްވެސް ޒަމާނެއްގައި ފާހަގަކޮށް އުޅުނު ދުވަހެއް ނޫނެވެ. ސައުދި އަރަބިއްޔާގެ ރައްޔިތުންނަށް މިހާރު އެއީ މަނާ ކަމެއް ނޫނެވެ.

މިޑްލް އީސްޓް މޮނީޓާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެކުރިން ސައުދީގައި ވެލައިންޓައިންސް ޑޭ ފާހަގަކޮށްފައި ނުވަނީ އެކަމަކީ އިސްލާމީ އަގީދާއާ ހިލާފު ކަމަކަށްވާތީއެވެ. ސައުދީން ވަނީ މީގެކުރިން ވެލައިންޓައިންސް ޑޭ ފާހަގަކުރި މީހުން ހައްޔަރުވެސް ކޮށްފައެވެ.

މިހާރު އެގައުމުން މި ދުވަސް ފާހަގަކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ހިމަނާފައި ނުވާތީ އެގައުމުގެ ރައްޔިތުން އެދުވަސް ފާހަގަކުރުމުގެ ގޮތުން ލޯބިވެރިންނަށް ފިނިފެންމަލާ، ޗޮކްލެޓާއި ރެސްޓޯރަންޓް ފަދަ ތަންތަން ބުކްކޮށް އެދުވަސް މިއަހަރު ފާހަނގަ ކުރިއެވެ..

މައްކާގެ ސީޕީވިޕީވީގެ ކުރީގެ ރައީސް ޝެއިހް އަހްމަދް ގާސިމް އަލް ގާމްދީ މީޑިއާތަކަށް ވިދާޅުވީ، ވެލެންޓައިންސް ދުވަސް ފާހަގަކުރުމަކީ އިސްލާމްދީނުގެ އަގީދާއާ ހިލާފުކަމެއް ނޫން ކަމަށެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ، އެ ދުވަހަކީ ލޯބިވެރިންގެ ދުވަސް ކަމަށާއި ކޮންމެ މީހަކަށްވެސް އެ ދުވަސް ފާހަގަކުރެވޭނެ ކަމަށެވެ.

ސައުދި އަރަބިއްޔާގެ މަޝްހޫރު ނޫހެއްކަމަށްވާ، އަރަބް ނިއުސް އިން ޕަބްލިޝްކޮށްފައި ހުރި ލިޔުންތަކެއްގައި ވެލެންޓައިންސް ދުވަސް ފާހަގަކުރުމަށް ސައުދީ އަރަބިއްޔާގައި ކުރަމުންދިޔަ ތައްޔާރީތައް ވަނީ ހިއްސާކޮށްފައެވެ.

ސައުދީން އަންނަމުންދާ ބަދަލުތަކަކީ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންނަވާ އިގުތިސާދީ އަދި އިޖުތިމާއީ އިސްލާހުތަކުގެ ދަށުން އަންނަ ބަދަލުތަކެކެވެ.

އެގޮތުން އަންހެނުންނަށް ލިބިދީފައިވާ ހައްގުތައް އިތުރު ކުރުމުގެ ގޮތުން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަދީ، މަހުރަމެއްގެ ހުއްދައާ ނުލައިވެސް ގައުމުން ބޭރަށް ދަތުރު ކުރުމާއި ޔުނިވާސިޓީއެއްގައި ކިޔެވުމާއި ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ވަނީ ދީފައެވެ.

މީގެކުރިން މިއުޒިކް ޝޯތައް ވެސް ބޭއްވުން މަނާ ކޮށްފައިވާ ސައުދީ އަރަބިއްޔާގައި މިދިޔަ އަހަރު ވަނީ ފޯރިގަދަ މިއުޒިކް ޝޯއެއްވެސް ބާއްވާފައެވެ. ސައުދީ އަރަބިއާގެ ޖިއްދާގައި ބޭއްވި ފޯރިގަދަ އެ މިއުޒިކް ފެސްޓިވަލްގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޖެނެޓް ޖެކްސަން، 50 ސެންޓް، ފިއުޗާ އަދި ކްރިސް ބްރައުން ފަދަ އާޓިސްޓުން ޕާފޯމްކޮށްފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *