ޝައުނާގެ ނަން ކުންފުނީގައި އޮންނަކަން ދެއްކީ ޕޯޓަލް އަޕްޑޭޓް ނުވާތީ، މައާފަށް އެދެން: މިނިސްޓްރީ

ރަސްމިއްޔާތެއްގައި ޝައުނާ ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ޓްރާންސް މޯޑިވިއަން އެއާވޭޒް (ޓީއެމްއޭ)އަށް ޕަބްލިކް ރިލޭޝަންސް (ޕީއާރް) ލަފާދޭ ކުންފުނި، “އެޓޯލް ކޮމިޔުނިކޭޝަންސް”ގައި ރައީސް އޮފީހުުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ހިއްސާއެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޝައުނާ އަކީ 2016 އަހަރުން ފެށިގެން ޕީއާރުގެ ދާއިރާ އިން ޓީއެމްއޭއަށް ލަފާ ދެމުން އަންނަ އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިން ޕާޓްނަރުކަމަށް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ހިމެނޭ މުހައްމަދު ތޯރިގް ހާމިދަކީ އޭނާގެ ފިރިކަލުންނެވެ. ތޯރިގުގެ 50 ޕަސެންޓް ހިއްސާ އެޓޯލް ކޮމިޔުނިކޭޝަންސްގައި އޮވެ އެވެ.

އެކަމާއި ގުޅިގެން ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޓޯލް ކޮމިއުނިކޭޝަންސްގައި އޭނާގެ އެއްވެސް ރޯލެއް އަދި ހިއްސާއެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިއަދު ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެކުންފުނީގައި ޝައުނާގެ ހިއްސާ އޮންނަކަން ފެންނަމުންދާ ކަމަށެވެ.

އެކަމާއި ގުޅިގެން ޝައުނާ ވަނީ އެއީ ވެބްސައިޓު އަޕްޑޭޓު ނުވާތީ ފެންނަ ގޮތް ކަމަށް ވިދާޅުވެ އެކަން އިސްލާހު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ ޓެގުކޮށް ޓްވީޓާގައި ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ދެކެވުނު މި ވާހަކަތަކާއި އަދި ޝައުނާގެ އެދުމުގެ މަތިން އެކަން އިސްލާހުކޮށް އިކޮނޮމކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިދިޔަ އަހަރު ފެބްރުއަރީ މަހު ޝައުނާ އެ ކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް ޕޯޓަލަށް އެ އަޕްޑޭޓް ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ޕޯޓަލް އަޕްޑޭޓް ކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި އެ މިނިސްޓްރީން ވަނީ ޝައުނާގެ ކިބައިން މައާފަށްވެސް އެދިފައެވެ.

ޝައުނާގެ މާލީ ބަޔާނުގައި ވިޔަފާރީގެ މަސްލަހަތުގެ ގޮތުގައި އޭނާގެ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ބުނެފައިވަނީ “ޝައުނާ އެންޑް ރޮބާޓްސް” ކިޔާ ކުންފުންޏެއްގައެވެ. ނަމަވެސް އެޓޯލް ކޮމިއުނިކޭޝަންގެ ވާހަކަ މާލީ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޝައުނާގެ ހިއްސާ އެޓޯލް ކޮމިޔުނިކޭޝަންސްގައި މިހާރު ނެތަސް އެ ކުންފުނީގައި ފިރިކަލުން މަސައްކަތްކުރައްވާތީ އެއީ މަސްލަހަތު ފުށުއެރުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާ ޓާމިނަލްގެ ވަރަށް ބޮޑު ބައެއް ޓީއެމްއޭއަށް ލިބޭނެ ކަމަށް ބުނެ 2017 ވަނަ އަހަރު، އެމްއޭސީއެލުން ޓީއެމްއޭއަށް ސިޓީއެއް ފޮނުވި އެވެ. މި ސަރުކާރުން އެގޮތަށް އެކަން ނުކޮށް، ޓީއެމްއޭ އިން ޑިމާންޑްކުރާ ވަރަށް ވުރެ މާ ކުޑަ ޖާގައެއް ދޭން ނިންމުމުން ޓީއެމްއޭ އިން ބުނަނީ އެއީ އެމްއޭސީއެލުން ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.