ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހެޅީ 141 ފަރާތެއް

އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ސަން

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ 141 ފަރާތެއް ކަމަށް އިލެކްޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 141 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރުމަށް 50 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އެންމެ ފަހުގެ ވަގުތަކީ މި މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 15:00 ކަމަށެވެ. އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އެންމެ ފަހުގެ ވަގުތަކީ މި މަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހު 15:00 ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަނުން މީގެކުރިން ބުނީ މި އިންތިހާބުގައި ޖުމްލަ 6000އެއްހާ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. މިހާތަނަށް 141 ފަރާތެއް ފޯމު ހުށަހެޅިއިރު އަދި އެއްވެސް ސިޔާސީ ޕާޓީއަކުން މި އިންތިހާބުގައި ވާދަ ކުރުމަށް ފޯމުތައް ހުށަހަޅާފައި ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.