ބާ ކައުންސިލްގެ އިމްތިހާނު މިއަހަރު ފަހުކޮޅު ބާއްވަނީ

ބާ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސްއާ މެންބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި -- ފޮޓޯ / މަޖިލިސް

ބާ ކައުންސިލްގެ ފަރާތުން ވަކީލުންނަށް ދޭ އިމްތިހާނު މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 'ލޯ ގްރެޖުއެޓްސް' ފޯރަމްގައި ވާހަކަދައްކަވަމުން އެ ކައުންސިލްގެ މެންބަރު މުހައްމަދު ފައިސަލް ވިދާޅުވީ ބާ ކައުންސިލުން ވަކީލުންނަށް ދޭ އިމްތިހާނު މިއަހަރުގެ އޮގަސްޓު ނުވަތަ ސެޕްޓެމްބަރު ހިސާބުގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި  ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ބާ ކައުންސިލުން ވަކީލުންނަށް ދޭ އިމްތިހާނު ބޭއްވުމަށް އަހަރު ނުވަތަ ދެ އަހަރު ނަގާނެ ކަމަށެވެ. އެކަމާއި ގުޅިގެން ވަކީލުކަން ކިޔަވާ ގިނަ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ބާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން ވަކީލުކަން ކިޔަވާ ނިމުނު ނަމަވެސް ބާ ކައުންސިލުން ހަދަންޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ބާ ކައުންސިލުން ދޭ އިމްތިހާނުންވެސް ފާސްވާން ޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *