ޔޫރަޕްގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ

Europe Corona

ލަންޑަން އެއާޕޯޓު ތެރޭގައި ބަޔަކު މީހުން މާސްކު އަޅައިގެން --

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް- 19 ޖެހިގެން ޔޫރަޕްގެ ގައުމެއްކަމަށްވާ ފްރާންސުން މީހަކު މަރުވެއްޖެ އެވެ.

މިއީ ޔޫރަޕްގެ ގައުމަކުން ކޮވިޑް- 19 ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ.

ފްރާންސްގެ ހެލްތް މިނިސްޓަރު ބުޒީން ވިދާޅުވީ، މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ޗައިނާއަށް ނިސްބަތްވާ މީހެއް ކަމަށެވެ. މީނާއަކީ ޗައިނާގެ ހޫބޭއި ޕްރޮވިންސަށް ނިސްބަތްވާ މީހެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މަރުވެފައިވާ މީހާގެ އަންހެންދަރިވެސް މި ބައްޔަށް ޕޮޒިޓިވް ކަމަށާއި، ނަމަވެސް އޭނާ ދަނީ ބަލިން ސަލާމަތް ވަމުން ކަމަށް ފޮރިން މިނިސްޓަރު ބުޒީން ވިދާޅުވިއެވެ.

ފްރާންސުން މަރުވެފައިވާ ޗައިނާ އަށް ނިސްބާތްވާ މީހާ އެ ގައުމަށް، ދަތުރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އޭނާވަނީ ޕެރިސްގެ ހޮސްޕިޓަލެއްގައި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ކަރަންޓީންކޮށްފަ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ޗައިނާއިން ބޭރުން މަރުވެފައިވަނީ އެންމެ 3 ގައުމެއްގައެވެ. އެއީ ހޮންގް ކޮންގް، ފިލިޕީންސް އަދި ޖަޕާނުން ނެވެ.

ކޮވިޑް- 19 ޖެހިގެން މިހާތަނަށް ޗައިނާއިން 1،500 އަށް ވުރެން ގިނަ މީހުންވަނި މަރުވެފައެވެ. އަދި އެންމެ ގިނަ މީހުން މަރުވެފައިވަނީ ޗައިނާގެ ހޫބޭއި ޕްރޮވިންސުން ނެވެ.

އަދި އަލަށް މި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ޗައިނާއިންވަނީ 2،641 އަށް އަރާފައެވެ. މިއާއެކު ހަމައެކަނި ޗައިނާއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 66،492 އަށް އަރައެވެ.

ފްރާންސުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ގައުމުގައި ކޮވީޑް-19 އަށް ޕޮޒިޓިވް ވެފައިވާ 11 މީހަކު ފެނިފައިވާ ކަމަށާއި، އަދި އޭގެތެރެއިން މިހާރު ކަރަންޓިން ކޮށްފައިވަނީ އެންމެ 6 މީހަކު ކަމަށެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ 24 ގައުމެއްގައި ކޮވިޑް- 19 ޖެހިގެން 500 އަށް ވުރެން ގިނަ މީހުން މި ބައްޔަށްވަނީ ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *