ހުޅުމާލެއަކީ ޔާމީންގެ ސިޓީއެކޭ ބުނުމުން ޔުމްނާގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން --

ހުޅުމާލެއަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަރައްގީ ކުރި ތަނެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން ހެރިޓޭޖު މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

ހުޅުމާލެ ދާއިރާއަށް ޕީޕީއެމުން ވާދަކުރާ އެޕާޓީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއުގެ ކެންޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހުޅުމާލެއަކީ ރައީސް ޔާމީން ތަރައްގީ ކޮށްދިން ތަނެއް ކަމަށާއި އެތަން އެމަނިކުފާނު ތަރައްގީ ކުރެއްވީ ޒުވާނުންނަށް ކަމަށެވެ.

ޝިޔާމްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ހުޅުމާލެއަކީ ރައީސް މައުމޫންގެ ވިސްނުންފުޅެއް އަދި މަސައްކަތެއް ކަމަށެވެ. އެ ހަގީގަތް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށާ އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ފެށިތާ މިހާރު ވަނީ 22 އަހަރުވެފައެވެ. އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި އެ މަސައްކަތް ފެށީ އޮކްޓޫބަރު 16، 1997 ވަނަ އަހަރުއެވެ.  އަދި އޭގެފަހުން ރައީސް ޔާމީންގެ ވެރިިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށަށް ހުޅުމާލެ ވަނީ ހަދާފައެވެ. އަދި ދެވަނަ ފިޔަވަހީގައިވެސް ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *