ޓީއެމްއޭއަށް ޕީއާރް ލަފާ ދޭ ކުންފުނީގައި ޝައުނާގެ މަސްލަހަތު، ޝައުނާ އެކަން ދޮގުކުރޭ!

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ -- ފޮޓޯ/ ރައީސް އޮފީސް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ލަފާދޭ ކުންފުންޏެއްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ހިއްސާ ނެތަސް އޭނާގެ ފިރިކަލުން އޭގައި އުޅުއްވާތީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ މީހުންގެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

ޝައުނާ އަކީ 2016 އަހަރުން ފެށިގެން ޕީއާރުގެ ދާއިރާ އިން ޓީއެމްއޭއަށް ލަފާ ދެމުން އަންނަ އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިން ޕާޓްނަރުކަމަށް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ހިމެނޭ މުހައްމަދު ތޯރިގް ހާމިދަކީ އޭނާގެ ފިރިކަލުންނެވެ. ތޯރިގުގެ 50 ޕަސެންޓް ހިއްސާ އެޓޯލް ކޮމިޔުނިކޭޝަންސްގައި އޮވެ އެވެ.

އެކަމާއި ގުޅިގެން ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޓޯލް ކޮމިއުނިކޭޝަންސްގައި އޭނާގެ އެއްވެސް ރޯލެއް އަދި ހިއްސާއެއް ވެސް ނެތް ކަމަށެވެ.

ޝައުނާގެ އެ ޓުވީޓަށް ރިޕްލައި އޭނާ ހެއްދެވީ ދޮގެއް ކަމަށް ބުނެ ބައެއް ފަރާތްތަކުންދަނީ މައުލޫމާތުތައް އާންމުކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ޝައުނާގެ ނަން އޮތް އޮތުން ހިމެނެއެވެ.

ޝައުނާ އާއި ތޯރިގުގެ އިތުރުން އެޓޯލް ކޮމިޔުނިކޭޝަންސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޕީއާރުގެ ބައި އަދާކުރި އިނގިރޭސި ވިލާތުގެ ޕޯލް ރޮބަޓްސް ހިމެނޭ ކަމަށް ވެސް ބައެއް މީހުން ގެންދަނީ މައުލޫމާތު ފަތުރަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޝައުނާގެ ހިއްސާ އެޓޯލް ކޮމިޔުނިކޭޝަންސްގައި މިހާރު ނެތަސް އެ ކުންފުނީގައި ފިރިކަލުން މަސައްކަތްކުރައްވާތީ އެއީ މަސްލަހަތު ފުށުއެރުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާ ޓާމިނަލްގެ ވަރަށް ބޮޑު ބައެއް ޓީއެމްއޭއަށް ލިބޭނެ ކަމަށް ބުނެ 2017 ވަނަ އަހަރު، އެމްއޭސީއެލުން ޓީއެމްއޭއަށް ސިޓީއެއް ފޮނުވި އެވެ. މި ސަރުކާރުން އެގޮތަށް އެކަން ނުކޮށް، ޓީއެމްއޭ އިން ޑިމާންޑްކުރާ ވަރަށް ވުރެ މާ ކުޑަ ޖާގައެއް ދޭން ނިންމުމުން ޓީއެމްއޭ އިން ބުނަނީ އެއީ އެމްއޭސީއެލުން ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *