ސަރުކާރުގެ ހަރަދުތައް 20 އިންސައްތަ ދަށްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު: ފޮޓޯ / ރައީސް އޮފީސް

ސަރުކާރުގެ ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 20 އިންސައްތަ ދަށްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ އާމްދަނީ އާއި، އަދި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ތެރެއިން، ދައުލަތުން ވަނީ، 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.  މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް ދަށް އަދަދެކެވެ.

އަދި ބަޖެޓް ސާޕްލަސްގެ ގޮތުގައި 772.7 މިލިއަން ރުފިޔާ ބާކީވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި މަހުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ދައުލަތަށް ލިބުނު، 2.4 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ، 713.3 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މި އަދަދު ދަށްވެފައިވަނީ ޓެކްސުން ލިބުނު އާމްދަނީ ދަށްވުމާއި ގުޅިގެން ނެވެ.

ސަރުކާރުން ވަނީ މިއަހަރުގެ މިހާތަނަށް، ލޯނުތައް އަނބުރާ ދެއްކުމަށް 108.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ސޮވަރިން ފަންޑަށް 78.6 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

ސަރުކާރުގެ ހަރަދުތައް މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ކުޑަކޮށްފައިވާއިރު ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމަށް އެކަމުގެ އަސަރު ކުރަމުން އަންނާތީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގާފައެވެ. އަދި އެމަނިކުފާނުގެ އެ އެންގުންތައް ތަންފީޒު ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު އޮފީސްތަކަށް ސާކިއުލާއެއް ފޮނުވާ ހަރަދު ކުޑަ ކުރުމަށް އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.